މިދިޔަ އަހަރުގެ ޑިސެމްބަރ، 10ގައި އާޖެންޓީނާގެ ރައީސް ކަމުގެ ހުވާކުރެއްވި އެގައުމުގެ ރައީސް ހާވިއޭ މައިލީގެ އިޤްތިޞާދީ އިޞްލާޙުތަކުގެ ސަބަބުން އާޖެންޓީނާގެ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައެވެ.

ގައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިސާއިން އަރައިގަތުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު، ވެރިރަށް ބުއެނޮސް އައިރިސްއާ އެހެނިހެން ސަރަޙައްދުތައް ގުޅުވައިދޭ ދަތުރުފަތުރުގެ މައި ނިޒާމްކަމަށްވާ ސަބްވޭ ފެއަރގެ އަގުތައް، ކުއްލިއަކަށް 360 ޕަސެންޓަށް އުފުލުމުގެ ސަބަބުން، ގިނަ ބަޔަކު އިތުރަށް ހާލުގައިޖެހި މުޅި ގައުމު ފަގީރުކަމުގެ ތެރެއަށް ވެއްޓިފައެވެ.

ދެކުނު އެމެރިކާގެ ތިން ވަނައަށް އެންމެ ބޮޑު އިޤްތިޞާދަށް ކުރިމަތިވެފައިވާ ކާރިސާއިން އަރައިގަތުމަށް މައިލީ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، ގައުމުގައި އިންފްލޭޝަން އަހަރަކު 289 އިންސައްތައަށް އުފުލިފައިވާއިރު، އެ ސަހަރުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މިހާރު ދިރިއުޅެމުންދަނީ ފަޤީރު ޙާލުގައެވެ.

ދެމެހެއްޓެނިވިގޮތެއްގައި އިޤްތިސާދު ހަރުދަނާކުރުމުގެ މަގްސަދުގައި ސަރުކާރުން ގެންގުޅޭ ވިސްނުމުގެ ދަށުން، އާޖެންޓީގެ ފައިސާ، ޕެސޯގެ އަގު 50 އިންސައްތަ ދަށަށް ދިއުމާއި ސަބްސިޑީ ކަނޑާލުމާއެކު، ގައުމުގެ އެކި ކަންކޮޅުތަކުގައި ވަނީ، ސަރުކާރާ ދެކޮޅަށް މުޒާހަރާފަށައިފައެވެ. އެގޮތުން އިޤްތިޞާދީ ފިޔަވަޅުތަކާ ބެހޭގޮތުން ޤާނޫނުހަދާ މަޖިލީހުގައި ބަހުސުތައް ކުރިއަށް ދާއިރު، އެ ސަރަހައްދު އެކުގައި ވަނީ ރައްޔިތުން ނުކުމެ ވަށާލައިފައެވެ. އަދި ފުލުހުންގެ ހަރުކަށި ފިޔަވަޅުތަކާ އެކު ވެސް ހަމަނުޖެހުންދަނީ އިތުރުވަމުންނެވެ. އަދި ފުލުހުންނާ ޢާންމުން ދެމެދު ކުރިމަތިލުންތައް ހިނގައި ލޭއޮހުރުވުމަށް ދަނީ ބަދަލުވަމުންނެވެ. 

ފާޑުކިޔާ ފަރާތްތަކުން ބުނަނީ، މައިލީގެ މި ސިޔާސަތުތަކަކީ، އެގައުމުގެ ރައްޔިތުންގެ ފައިދާއަށްވުރެ ބޭރުގެ އިންވެސްޓަރުންނަށް ފައިދާވާ ސިޔާސަތުތަކެއް ކަމަށާއި އެކަމުގެ ސަބަބުން މުޅިގައުމުގައި އިޖުތިމާއީ ބައިބައިވުންތައް އިތުރުވަމުންދާ ކަމަށެވެ.

ބުއެނޮސް އައިރިސް ފަގީރުކަމުގެ ތެރެއަށް ވެއްޓިފައިވާ މިންވަރު ރަމްޒުކޮށްދެނީ، އެ ސިޓީގެ ބައެއް ރައްޔިތުން ދިރިހުރުމަށްޓަކައި ދިރިއުޅެމުންދާ ގެދޮރާއި މުދާތައް ވިއްކާ ހާލަތަށް ވަނީ ވެއްޓިފައެވެ.

އިޤްތިޞާދީ ކާރިސާއިން އަރައިގަތުމަށް، ބުއެނޮސް އައިރިސް އިން އަޅާފައިވާ ފިޔަވަޅުތަކަށް ފާޑުކިޔާ ބައިނަލްއަގްވާމީ ފަރާތްތަކުން ދަނީ، އާޖެންޓީނާގެ އިގްތިސާދަށް ކުރިމަތިވެފައިވާ ބަލިމަޑުކަމަށްވުރެ، އެ ބަލިމަޑުކަމަށް ހޯދަމުންދާ ފަރުވާ ގޯސްވެދާނެތޯ ސުވާލު އުފައްދަމުންނެވެ.