މުވާސަލާތީ އާލާތްތައް ގޮއްވާލައިގެން، ލުބުނާނުގެ ހިޒްބުاللهގެ މުޖާހިދުންނަށް އަމާޒުކޮށް ދެމުންދާ ސިލްސިލާ ހަމަލާތަކުގައި، އަންގާރަ އަދި ބުދަ ދުވަހު މިވަނީ ޖުމުލަ 32 މީހުން މަރުވެ 3،200އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައެވެ.  

ބުދަ ދުވަހު ދިން ހަމަލާތަކުގައި ބޭނުންކޮށްފައިވާ ވޯކީޓޯކީޒްގެ ބްރޭންޑް އުފައްދާ ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ އައިކޮމްއިން ވަނީ، މި ހާދިސާތަކުގައި އެ ކުންފުނީގެ އެއްވެސް ބައިވެރިވުމެއް، އެއްވެސް ސިފައެއްގައި ނެތް ކަމަށް ބުނެފައެވެ.

އައިކޮމްއިން ބުނަނީ އެ ކުންފުނީގެ މުވާސަލާތީ އާލާތްތައް އުފެއްދުމުގެ މަރުހަލާ އަކީ ވަރަށް އޮޓޮމެޓިކް ޕްރޮސެސްއެއް ކަމަށާއި، އެހެންކަމުން، އެ އާލާތަކުގައި ގޮވާތަކެތި އިންޓަގްރޭޓް ކުރުމުގެ ފުރުސަތެއް ނޯންނާނޭ ކަމަށެވެ. މީގެ އިތުރުން، ލުބުނާނުގައި ވިއްކާ، މިފަދަ  ވޯކީޓޯކީތަކަކީ ވަގު ތަކެތި ކަމަށް ވެސް އެ ކުންފުނިން ވަނީ ތުހުމަތުކޮށްފައެވެ.

އައިކޮމް އިން ބުނީ ހަމަލާގައި ފާހަގަކުރެވުނު ރޭޑިއޯ މޮޑެލްތައް އުފެއްދުން މީގެ 10 އަހަރު ކުރީން އެ ކުންފުނިން ހުއްޓާލާފައިވާ ކަމަށާއި ބާޒާރުގައި މިހާރު ވިއްކަން ހުރި ގިނަ މޮޑެލްތަކަކީ ވަގު މޮޑެލްތަކެއް ކަމަށެވެ.

އެގޮތުން މި ގޮއްވުންތަކުގައި ބޭނުންކޮށްފައި ވަނީ، ވަގު އެއްޗެއް ކަން ނަމަ، އެ ކުންފުނީގެ އުފެއްދުމާ އެއްވައްތަރަށް، ގޮވާތަކެތި ބޭނުންކޮށްގެން އެއްޗެއް ހެދިގޮތް ބަލަން ޖެހޭ ކަމަށާއި، އެއީ އަސްލު އެއްޗެއް ނަމަ، އެތަކެތި އުފެއްދީ ކޮންއިރަކު، ކޮންތާކުތޯއާއި ލުބްނާނަށް މި ތަކެތި ލިބުނުގޮތް ބަލަން ތަހުގީގެއް ހިންގާން ޖެހޭ ކަމަށެވެ. 

ތައިވާނުގެ ގޯލްޑް އެޕޯލޯ ބްރޭންޑްގެ ޕޭޖަރުތަކަކާއި، އަދި އައިކޮމްގެ ވޯކީޓޯކީތަކެއް ގޮއްވާލައިގެން ހިންގި ނުރައްކާތެރި ހާދިސާތަކުގެ ސަބަބު ދެނެގަތުމަށާއި އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ދެނެގަތުމަށް ލުބްނާން ސަރުކާރުން ވަނީ ތަހުގީގެއް ފަށައިފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކާއި، އަދި އެނޫންވެސް ގިނަ ބަޔަކު ދަނީ އިޒްރޭލާއި އެމެރިކާގެ ބައިވެރިވުން މިކަމުގައި އޮތްކަމަށް ތުހުމަތުކޮށް، މިފަރާތްތައް ޒިންމާދާރުކުރުވުމަށް، ބައިނަލްއަގްވާމީ ތަހްޤީޤެއް ހިންގުމަށް ގޮވާލަމުންނެވެ.