ގްރޭޓަރ މާލެ ސަރަހައްދުގެ އެންމެ ބިޔަ އެއް މަޝްރޫޢުކަމަށްވާ، މާލެއާ ތިލަފުށި ގުޅުވާލަދޭ ބްރިޖް "ތިލަމާލެ ބްރިޖް"ގެ މަސައްކަތް ނިންމާލެވުނު ނަމަ މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ރަނގަޅުވީސްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރީންނާ ބައްދަލުކުރައްވައި ރައީސް އިބްރާހީމް ވިދާޅުވީ، "ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަށް ނުނިންމުނު" ކަމަށެވެ.

މާޔޫސްވެވަޑައިގެން ހުންނަވައި އެމަނިކުފާނު ވިދާޅުވީ، "އެއީ އަޅުގަނޑު ދެރަވާ ކަމެއް. އެކަން ކުރެވުނުނަމަ އެކަން ކޮށް ނިމުނުނަމަ މި އިންތިޚާބުގެ ނަތީޖާއަށް ހެޔޮ އަސަރެއް ކުރީސް" ކަމަށެވެ. 

މާލެއިން ފެށިގެން ތިލަފުއްޓާ ހަމައަށް ގުޅާލަން ކުރިއަށް ގެންދާ، 3.6 ކިލޯމީޓަރުގެ ތިލަމާލެ ބްރިޖްގެ މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރ އާ ހަވާލުކުރީ، 26 އޮގަސްޓް 2021ގައެވެ. 500 މިލިއަން އެމެރިކާ ޑޮލަރު (6.2 ބިލިއަން ރުފިޔާ)ގެ މި މަޝްރޫއު ނިންމާން ދީފައި ވަނީ 2 އަހަރާ 25 ދުވަހެވެ. އެގޮތުން ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި މާލެ-ވިލިމާލެ ބްރިޖް: 2023ގެ ޖުލައިގެ ނިޔަލަށް ނިންމާލުމަށް ވަނީ އެއްބަސް ވެފައެވެ. އަދި ވިލިމާލެ-ގުޅީފަޅު ބްރިޖްގެ ބައި 2023ގެ ޑިސެމްބަރަށް، އަދި ގުޅިފަޅު-ތިލަފުށި ގުޅާލަދޭބައި، 2024ގެ ނޮމްބަރަށް ނިންމާލުމަށް ވަނީ އެއްބަސް ވެފައެވެ. 

އިންޑިއާ ސަރުކާރުން 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) ހިލޭ އެހީގެ ގޮތުގައި ހަމަޖައްސައި، ބާކީ 400 މިލިއަން މަޝްރޫޢު ނިމޭތާ 5 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ކުރިއަށް ގެންދާ މި މަޝްރޫއު އަމަލީ މަސައްކަތް ވަރޗުއަލްކޮށް ފައްޓަވައިދެއްވައި ފުރަތަބުގެ ބިންގާ އަޅުއްވައި ދެއްވީ، 2 އޯގަސްޓް 2022ގައި އިންޑިއާގެ ވެރިރަށް ދިއްލީގައި ތިއްބަވައިގެން އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.