ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެއް ފުއްދުމުގެ ނަމުގައި މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްހޫރު ބިންވެރިޔާ ސްކީމަކީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ޚިޔާނާތް ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ފަރާތުން ރައްޔިތުންގެ މަޖިލިސް އިދާރާގައި ހޯމަދުވަހު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފަލާހު ވިދާޅުވީ، އޭނާ ސިފަކުރައްވަނީ ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ޚިޔާނާތް ކަމަށެވެ.

"މިއީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ޚިޔާނާތުގެ ގޮތުގައި އަޅުގަނޑު ސިފަކުރަނީ. ސަބަބަކީ ހުޅުމާލެއިން ދޫކޮށްފައި އޮތް، ހަދާފައި އޮތް ގޯތީގެ ލިސްޓަށް އެކަނިވެސް އެބައަރާ 5.4 ބިލިއަން ރުފިޔާ،"

--އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް

ފަލާޙް މިގޮތަށް ވިދާޅުވެފައިވާއިރު، ބިންވެރިޔާ ސްކީމް އެންމެ ފުރަތަމަ ޢިއުލާނުކުރުމާއެކުވެސް މާލޭގެ އެތަކެއް ހާސް ރައްޔިތުން ވަނީ، އެ ސްކީމަކީ ޣައިރުޤާނޫނީ ސްކީމެއް ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑު އުފުލައިފައެވެ. ނަމަވެސް، "ވަކި ބަޔަކަށް ހެޔޮވަރުކޮށް ފަހާފައިވާ ކޯޓެއް ގޮތަށް"، ވަކިބަޔަކަށް މަންފާވާގޮތަށް، އަދި ސިޔާސީ ގޮތުން ފައިދާތަކެއް ހޯދުމުގެ ބޭނުުގައި ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ހިންގާފައިވާ އެ ސްކީމް އޭރުގެ ސަރުކާރުގެ އިސްވެރީންނާއި މަޖިލީހުގެ ބައެއް މެންބަރުންވެސް ގެންދެވީ ދިފާޢުކުރައްވަމުންނެވެ. 

މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އިންސާފުވެރި އަވަސް ޙައްލެއް ހޯދުމަށް، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގޭނޭ ގޮތަށް އޮތް ހަމަ އެކަނި ބިންކޮޅު، ގޯތި ދިނުމުގެ ނަމުގައި، ޤާނޫނާ ޚިލާފު ޝަރުޠުތަކެއް ކަނޑައަޅައި، ހަމައެއް ލަމައެއް ނެތި ހުޅުމާލޭގެ މުޅި މާސްޓަރޕްލޭން ފެއިލްކޮށްލާފައިވާ އިރު، އަދުގެ ސަރުކާރުންވެސް އެ ސްކީމާ ދެކޮޅަށް، އިންސާފުވެރި ގޮތެއްގައި އަދި އަދަށް ދާންދެންވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކުރެވެއެވެ. 

 

އިތުރަށް ވިދާޅުވެލައްވާ: 

އަނެއްކާވެސް ސަރުކާރުގެ އާ ސްކޭމެއް! ދަފްތަރު ރައްޔިތުން ހަމަ ތިބެންވީ؟