ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 7 ވަނަ ޖަލްސާ ކޯރަމް ހަމަ ނުވުމުގެ ސަބަބުން ބޭއްވޭގޮތެއް ނުވިއެވެ. 

މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ފާހަގަކޮށްލެވޭ މައްސަލަތަކުގެ ތެރޭގައި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޚްމީ، ހުށަހަޅުއްވާފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިސްލާހުގެނައުމުގެ ބިލް"އާއި، ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް މަޖިލީހުން ފާސްކޮށްފައިވާ ޤަރާރާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީގެ މައްސަލަ ހިމެނެއެވެ. 

ހެނދުނު 9:00 ގައި މަޖިލީހުގެ ޖަލްސާ ފެއްޓެވުމަށްޓަކައި، މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރިޔާސަތުގައި އިންނަވައި، 9:30 ކަންހާއިރު އިޢުލާނުކުރެއްވީ، ކޯރަމް ހަމަ ނުވުމުގެ ސަބަބުން މިއަދު ޖަލްސާ ބޭއްވެން ނެތްކަމަށެވެ. މަޖިލީހުގެ ކޯރަމަކީ 22 މެންބަރުންނެވެ. 

"އަޅުގަނޑަށް މަޖުބޫރު މިވަނީ މިއަދުގެ މަޖިލިސް ބައްދަލުވުން ނޯންނާނޭ ކަމަށް އަންގައި ޢިއުލާނުކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ. 

މިއަދުގެ މަޖިލީހަށް ވަޑައިގަތީ 15 މެންބަރުންނެވެ. އޭގެ ތެރޭގައި ގިނައީ މައިނޯރިޓީ ޕާޓީ، ދަ ޑިމޮކްރެޓްސްގެ މެންބަރުންނެވެ. މަޖިލީހުގެ މެޖޯރިޓީ ޕާޓީ ކަމަށްވާ އެމްޑީޕީން ވަނީ، ބަރުލަމާނީ ނިޒާމަށް ތާޢީދު ނުކުރާކަމަށް ބުނެފައެވެ. އެހެންކަމުން އެ ޕާޓީގެ ގިނަ މެންބަރުން ޙާޒިރު ނުވީ، މިއަދުގެ ޖަލްސާގެ އޭޖެންޑާގައި ނިޒާމީ ވޯޓާ ގުޅޭ ގިނަ ކަންތައްތަކެއް ހިމަނާފައި ވާތީކަމަށް ބެލެވެއެވެ.