މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހަށް، އިންތިޚާބުގައި ނާކާމިޔާބު ލިބިވަޑައިގަތް ކަމުގައި ވީނަމަވެސް އެއްވެސް ފަރާތަކުން އެމްޑީޕީގެ އެއްވެސް މެންބަރަކަށް ފުރައްސާރަކޮށް ބަދުބަސް ނުބުނުމަށް، އެ ޕާޓީގެ ކުރީގެ ލީޑަރު ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ، "އެއްވެސް ފަރާތަކުން އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުންނަށް ބަދުބަސް ބުނެ ފުރައްސާރަ ނުކުރުމަށް ވަރަށް އެދެން،"  ކަމަށެވެ. 

އަދި "ރުޅިވެރިކަން އިސްކުރުމަކީ ބުއްދިވެރި ކަމެއް ނޫން،" ކަމަށްވެސް ރައީސް އިބްރާހީމާ ޚިޔާލުތަފާތުވެ، އެމްޑީޕީ ދޫކުރައްވައި، އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްގައި ހުންނެވި ރައީސް ނަޝީދު ވިދާޅުވިއެވެ. 

އިންތިޚާބުގެ ދުވަސްވަރުގައި، ރައީސް ނަޝީދު ވަނީ، ރައީސް އިބްރާހީމް ވެރިކަމަށް ގެނައީ އެމަނިކުފާނު ކަމަށާއި، އަދި ވެރިކަމުން ބާލާނީ ވެސް އެމަނިކުފާނު ކަމަށާއި، އެމްޑީޕީއަކީ އެމަނިކުފާނުގެވެސް ބުރަ މަސައްކަތުން އުފެއްދި ޕާޓީއެއްކަމަށާއި، ނަމަވެސް އެމަނިކުފާނާ ދޭތެރޭގައި އެ ޕާޓީން ކަންތައްކުރި ގޮތުން، "އެމްޑީޕީ ރޫޅާލާނަން" ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅާފައިވާ، ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ފެންނަ ނުފެންނަ ވޯޓު އޮކްޓޫބަރު 29އަށް ތާވަލުކޮށްފައި ވާއިރު، އެމްޑީޕީ މެންބަރުންގެ ތާޢީދަކީ ރައީސް ނަޝީދަށާއި އަދި ބަރުލަމާނީ ރާއްޖެއަށް ގެންނާން ބޭނުންވާ އެންމެނަށްވެސް ވަރަށް މުޙިއްމު ބަޔަކަށް ވާނެއެވެ.

ދިވެހި ޖުމްހޫރިއްޔާގެ ދެވަނަ ދައުރުގެ 7 ވަނަ ރައީސަކަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބުކޮށް، އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފް (ސެމްބެ) އިންތިޚާބުކޮށްފައިވަނީ، ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ 282,804 މީހުންގެ ތެރޭން ވޯޓުގައި ބައިވެރިވި 246،915 މީހުންގެ 54.04 އިންސައްތަ ވޯޓުންނެވެ. އެގޮތުން ޑރ. މުޢިއްޒަށް ވަނީ، 129،159 ވޯޓު ލިބިވަޑައިގެންފައެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ. އެއީ 45.96 އިންސައްތައެވެ.