ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގެ ވޯޓު ނެގުމުގެ ވަގުތު 17:00އަށް ހަމަވުމުން ވޯޓުލާން ހަދާފައިވާ ކިއުތައް ބަންދުކޮށް އަދި ބައެއް ވޯޓުފޮށިތައްވެސް ބަންދުކޮށް، ގުނާން ފަށައިފިއެވެ. 

މިފަހަރުގެ އިންތިޚާބުގައި ޖުމުލަ 586 ވޯޓު ފޮށި ބަހައްޓާފައި ވާއިރު، އޭގެ ތެރޭން  113 ވޯޓު ފޮށްޓެއް މިހާރު ވަނީ ގުނާން ފަށައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، "17:00 އާހަމައަށް ކިއުގައި މީހުންތިބިނަމަ އެ ބޭފުޅުން ވޯޓުލާ ނިމުމުން ފޮށި ބަންދުކުރެވޭނެ،" ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމަށް ވަގުތު ދީފައި ވަނީ، 8:00 ން 16:00އަށެވެ. ނަމަވެސް ދެވަނަ ބުރުގައި ވަނީ ވީހާވެސް ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ފަހުކޮށްދިނުމުގެ ގޮތުން އެއް ގަޑިއިރު އިތުރުކޮށްފައެވެ. 

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްޤު ލިބުނު މީހުންގެ ޢަދަދަކީ 282,804 މީހުންނަށް ލިބެއެވެ. އެއީ 138,394 އަންހެނުންނާއި 144,410 ފިރިހެނުންނެވެ.