މާދަމާ (21 ސެޕްޓެމްބަރ 2024)ގައި ސްރީލަންކާގައި ބާއްވާ އެގައުމުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ފޮށިތައް ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު އެގައުމުގެ އެކި ހިސާބުތަކުގައި ވޯޓުލާ މަރުކަޒުތަކަށް ގެންގޮސްފިއެވެ.

ސަލަމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ވެރިރަށް ކޮޅުނބުން ވޯޓުފޮށިތައް ލަންކާގެ އެކި ސަރަހައްދުތަކަށް ފޮނުވާފައިވަނީ، ބޮޑެތި ބަސްތަކާއި އެފަދަ ވެހިކަލްތަކުގައެވެ.

ސްރީލަންކާގެ ރިޔާސީ އިންތިޚާބުގެ ވަގުތު ކުޑަތަންވެ، ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި، ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި އެ ގައުމުގެ އެކި ހިސާބުތަކުގައި ބަޑީގެ ހަމަލާތަކެއް ދީ، 4 މީހަކު މަރާލައިފައިވެއެވެ.

ވޯޓު ފޮށިތައް އެކި ސަރަޙައްދުތަކުގައި ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާގޮތް، އިލެކްޝަންސް ކޮމިޝަނުގެ އިސް ވެރިން ވަރަށް ގާތުން ބަލަމުންދިޔަ ކަމަށް ލަންކާގެ އީސީން ބުނެއެވެ.

ސްރީ ލަންކާގެ މިފަހަރުގެ ރިޔާސީ އިންތިހާބުގައި 38 ކެނޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭން އެންމެ ވާދަވެރި ކެންޑިޑޭޓުންނަކީ، މިހާރުގެ ރައީސް ޔޫއެންޕީގެ ރަނިލް ވިކްރަމަސިންހައާއި، އެސްޖޭޕީގެ ކެންޑިޑޭޓް ސަޖިތު ޕްރެމަދާސައާއި، އޭކޭޑީގެ ކެންޑިޑޭޓް އަނޫރަ ކުމާރަ ދިސަނަޔަކެއާއި އެސްއެލްޕީޕީގެ ފަރާތުން ކުރީގެ ބޮޑުވަޒީރު ރާޖަޕަކްސަގެ ދަރިކަލުން ނަމަލް ރާޖަޕަސާއެވެ.