މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ކ. މާފުށީ ޖަލުގައި ބަހައްޓާފައި ހުރި ވޯޓުފޮށްޓަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންވެސް ވޯޓުލައްވައިފިއެވެ. 

އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޔާމީނު ވޯޓު ލައްވާފައެއް ނުވެއެވެ. ނަމަވެސް، ދެވަނަ ބުރުގައި އެމަނިކުފާނު ވަނީ، ރީ-ރަޖިސްޓްރީ ކުރައްވައި ދިވެހީންގެ ރާއްޖެ އަނބުރާ ދިވެހީންނަށް ގެނެސްދެއްވާން އެމަނިކުފާނު ފެއްޓެވި މަސައްކަތް ވަރުގަދަކުރެއްވުމުގެ ގޮތުން، ދެވަނަ ބުރުގައި ވޯޓު ލައްވާފައެވެ. 

މިފަހަރުގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމް/ޕީއެންސީން ފުރަތަމަ ޓިކެޓް ދިނީ ރައީސް ޔާމީނަށެވެ. ނަމަވެސް، އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރައްވާން ފުރުސަތު ލިބިވަޑައި ނުގަތީ، އެމްއެމްޕީއާރސީގެ ޚިޔާނާތާ ގުޅިގެން އިއްވާފައިވާ ޖަލުހުކުމާއި، ޖޫރިމަނާގެ ސަބަބުންނެވެ. އެ މައްސަލަ އިސްތިއުނާފުކުރާން ހައިކޯޓަށް ހުށަހެޅި ނަމަވެސް އިންތިޚާބުގެ ކެންޑިޑެސީ ހުށަހެޅުމުގެ މުއްދަތު ހަމަވީ އިރުވެސް ހައިކޯޓުގެ ފަނޑިޔާރުންގެ ޗުއްޓީއަކާ ހުރެ އެމައްސަލަ އޮތީ ކުރިއަށް ނުގެންދެވިއެވެ. 

އަދި ފަހުން، ސުޕްރީމް ކޯޓުންވެސް ނިންމީ، އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތަށް، ޖަލުހުކުމަކާއި ޖޫރިމަނާއެއް އޮތުމުގެ ސަބަބުން، ރައީސް ޔާމީން އިންތިޚާބުގައި ވާދަކުރައްވާން ޝަރުތު ފުރިހަމަ ނުވާކަމަށެވެ. 

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ.