ރިޔާސީ އިންތިޚާބުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ބަލިވެވަޑައިގެންފި ނަމަ، މާލޭގެ އެކި ތަންތާނގައި ހުޅުޖަހަން ރާވަމުން ދާކަމަށް ޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ސެޕްޓެމްބަރު 27 ވަނަ ދުވަހު ޝިޔާމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވަނީ "މިނޫނީ އިންތިޚާބުގެ ކުރިން ބަލިވާނެކަން ޔަޤީންވި އިންތިޚާބެއް ނުބޭއްވޭ. ރައީސް ޞޯލިހު ކޭންޕުން ބަލިވެއްޖެކަން ޔަޤީންކޮށް މިހާރު ރާވަމުންދަނީ ތަންތަނުގައި ހުޅުޖަހާ ހަމަނުޖެހުން ހިންގަން. މީ 'އުފާވެރި އަމާންރާއްޖެ' ސްލޯގަން އަކަށް ހަދައިގެން ކެންޕެއިންކުރާ މީހުން،" ކަމަށެވެ. 

އަދި އެ ޕޯސްޓް ކޯޓްކޮށް މިއަދު ކުރެއްވި އިތުރު ޕޯސްޓެއްގައި ވަނީ، "މީ ޔޯލަޔަކަށް ދަންނަވާ ވާހަކައެއްނޫން. މިކަންކުރަން އޮތީ ރައީސް ސޯލިހުގެ ކޭންޕުން ގަދަޔަށް ރާވާފައި. އަދި މިހާރު ދަނީ ތައްޔާރީތައް ވަރުގަދަ ކުރަމުން ކަމަށް ވަރަށް މުއުތަބަރުކޮށް މައުލޫމާތު ލިބޭ،" ކަމަށެވެ. 

ޝިޔާމް އިތުރަށް ވިދާޅުވީ، ރައީސް އިބްރާހީމްގެ ކޭމްޕުން މިކަން ކުރަން ނިންމާފައި އޮތީ މާލެ ސިޓީގައި ކަމަށެވެ. އަދި އޭނާ ވަނީ ފުލުހުންނަށް އެކަން ހުއްޓުވާން ގޮވާލައްވައިފައެވެ.

ޝިޔާމް މިފަދަ ކަންބޮޑުވުމެއް ފާޅުކުރައްވާފައި ވާއިރު، ދިވެހު ފުލުހުންގެ އިދާރާއިން މިއަދު ވަނީ، ޖިނާއީ ކުށްތަކަށް އަރައިގަންނަ ގުރޫޕްތަކުގެ ހަރަކާތްތައް މާލެތެރޭގައި އިތުރުވަމުންދާކަމަށް ފާހަގަ ކުރެވުމާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަމުންދާ ކަމަށް ބުނެފައެވެ.