ލ. ފޮނަދޫ 3 ނަންބަރު ވޯޓުފޮށީގައި ދިމާވި މައްސަލައަކީ، ވޯޓު ކަރުދާހުގައި ކުރަހައިގެން ދިމާވި މައްސަލައެއް ނޫންކަމަށާއި، އެއީ ވޯޓުކަރުދާހުގައި މާކެއް ހުރުމުން ދިމާވި މައްސަލައެއް ކަމަށާއި އަދި މިހާރު އެމައްސަލަ ޙަލުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. 

އީސީގެ ނައިބު ރައީސް އަދި ތަރުޖަމާނު އިސްމާޢީލު ޙަބީބު ވިދާޅުވީ، "ލ. ފޮނަދޫ 3 ނަންބަރު ވޯޓުފޮށީގައި ދިމާވި ވޯޓުކަރުދާހުގައި މާކެއް ހުރި މައްސަލަ ކޮމިޝަނުގެ ސަމާލު ކަމަށް އައުމުން، އެކަމުގައި އަމަލުކުރަންވީގޮތުގެ އިރުޝާދު ވޯޓުލާ މަރުކަޒުގެ ވެރިޔާ އަށް ދިނުމަށްފަހު، މިހާރު ވަނީ އެފޮށީގެ ވޯޓުލުން ފެށިފައި،" ކަމަށެވެ.

ހަބީބު ވިދާޅުވީ، "ވޯޓު ކަރުދާސް ދޫކުރާ އޮފިޝަލް އަތުގައި ގަލަމެއް ނޯންނާނެ. އަދި ވޯޓުކަރުދާސް ދޫކުރާ މޭޒުން ވޯޓުކަރުދާހާއި ކުރެހުމުގެ ފުރުސަތެއްވެސް ނޯންނާނެ،" ކަމަށެވެ.

މީގެއިތުރުން، ވޯޓުލުމުގެ އެންމެހައި ކަންތައްތައް ހިނގަމުންދާނީ އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ، "ފޮނަދޫގެ 3 ނަންބަރު ވޯޓު ފޮށީގައި ދޫކުރި 3 ކަރުދާހެއްގައި ކުރަހާފައިވާ މައްސަލައެއްވަނީ ފެންމަތި ވެފައި. މި 3 ކަރުދާސް ދޫކޮށްފައިވަނީ އަޅުގަނޑުމެންގެ ޔަގީން ވޯޓަކަށް،" ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން މިހާތަނަށް އެއްލައްކަ ސާޅީސް އެއް ހާސް މީހުން ވޯޓުދިނުމުގެ ޙައްޤު އަދާކޮށްފައި ވާއިރު، "ވޯޓުލުން ހިނގަމުންދަނީ އަމާންކަމާއި އޮމާންކަމާއެކު." ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.