ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީއުކުރުމަށް ފަހު އެމްޑީއޭއިން އެމްޑީޕީ ދޫކޮށްލާން ޖެހުނީ، ފުރަތަމަ ބުރުގެ ވޯޓު ނިމުނު އިރުވެސް، އެއްބަސްވިގޮތަށް އެގްރީމެންޓް ނުހެދުމުން ކަމަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް މިއަދު ވިދާޅުވެއްޖެއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމް ނުކުންނެވީ އެމްޑީޕީ، އަދާލަތު އަދި އެމްޑީއޭ ހިމެނޭހެން ރާއްޖޭގައި މިހާތަނަށް ރިޔާސީ އިންތިޚާބަކަށް ކުރިމަތިލީ އެންމެ ބިޔަ ކޯލިޝަނާއެކުއެވެ. ނަމަވެސް، ހީކުރި ގޮތާ ޚިލާފަށް ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ އެންމެ 39 އިންސައްތަ ވޯޓެވެ. މިއީ ރާއްޖޭގެ ވެރިކަމުގައި ހުންނެވި ބޭފުޅަކު އިންތިޚާބަށް ކުރިމަތިލައްވައިގެން މިހާތަނަށް ހޯއްދެވި އެންމެ ދަށް ނަތީޖާއެވެ. އެއާ ޚިލާފަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ވަނީ 46 އިންސައްތަ ވޯޓު ލިބިވަޑައިގެންފައެވެ. މިކަންވެގެން ދިޔައީ ސަރުކާރު ކޯލިޝަނަށްވެސް ލިބިގެންދިޔަ ބޮޑު ސިހުމަކަށެވެ.

ދެވަނަ ބުރުގެ ވޯޓުލާން 4 ދުވަހަށް ވެފައި ވަނިކޮށް، އެމްޑީއޭއިން ވަނީ އެމްޑީޕީ ކައިރިން ވަރިވެ، ހެދިކޯލިޝަން ރޫޅާލައިފައެވެ. އަދި ދެވަނަ ބުރުގައި ޑރ. މުޢިއްޒަށް ތާޢީދުކުރުމަށްވެސް އެ ޕާޓީން ވަނީ ނިންމައިފައެވެ.

އެމްޑީއޭގެ ނައިބު ރައީސް އަލީ މަޢުރޫފް، "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ، އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓާ ހަމައަށް ދިޔައިރު ވެސް ކޯލިޝަންގެ ރަސްމީ އެގްރީމެންޓަކާ ހަމައަށް ދެވިފައިނުވާ ކަމަށެވެ. 

"އެގްރީމެންޓެއް ނެތް ނަމަވެސް އޮތް އަންޑަސްޓޭންޑިންގެ ދަށުން ކެމްޕެއިނަށް އެމްޑީއޭއަށް ލިބެން ހުރި ހުރިހާ ވަސީލަތެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރިން،" މަޢުރޫފު ވިދާޅުވިއެވެ. "ނަމަވެސް އެގްރީމެންޓެއް ނެތުމުން އުފެދޭ ސަރުކާރެއްގައި އެމްޑީއޭގެ ދައުރާމެދު ޕާޓީގެ ތެރޭގައި ވެސް އޮތީ ސުވާލު އުފެދިފައި،"

އޭނާ އިތުރަށް ވިދާޅުވީ، "އެގްރީމެންޓެއް ނެތި މިގޮތަށް ކަންތައް ހިނގައިފައިވާތީ އެމްޑީއޭއިން ގަބޫލުކުރަނީ އެމްޑީޕީއިން އެމްޑީއޭ ބޭނުން ކޮށްލީ ކަމަށް." ކަމަށެވެ. 

އަދި "އެހާ ލޯބިން އުޅެފައި ވަރިވާން ޖެހުނީ ފޮނުވަން އެއްބަސްވި އެގްރީމެންޓް ނުލިބި ދެން ވާނެ ގޮތެއް ނޭނގުމުން،" ކަމަށްވެސް އެމްޑީއޭގެ ނައިބު ރައީސް ވިދާޅުވިއެވެ.