ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ 3 ސިޓީ (އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ތިނަދޫ ސިޓީ) އިން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ތަފާތު ބޮޑު ނަތީޖާއެއް ނެރެވޭނޭ ކަމަށް އެމްޑީޕީ އަދާލަތު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. 

ދެކުނުގެ 3 ސިޓީއަށް ރައީސް ކުރެއްވި ކެމްޕޭން ދަތުރުފުޅުގެ ތެރޭން ތިނަދޫ ސިޓީއަށް ވަޑައިގެން ރައީސް ވިދާޅުވީ، ފުރަތަމަ ބުރުގެ ނަތީޖާއާ ޚިލާފަށް އަންނަ ހޮނިހިރު ދުވަހު އޮންނަ ދެވަނަ ބުރުގެ ވޯޓުގައި މާރަނގަޅު ނަތީޖާއެއް ފެންނާނޭ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. 

"އަޅުގަނޑަށް ފެންނަނީ މި 3 ސިޓީން ވެސް ކުރިއާ އަޅާބަލާއިރު ބޮޑު ތަފާތެއް ފެނިގެންދާނެ ކަމަށް،" ރައީސް އިބްރާހީމް ވިދާޅުވިއެވެ.

ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް ލިބިވަޑައިގަތީ، ވޯޓުލީ މީހުންގެ 39 އިންސައްތައާއެކު އެބުރުގެ ދެވަނަ އެވެ. އެއީ 86161 ވޯޓެވެ. ސަރުކާރު ކޯލިޝަނުން ހިސާބުޖެހިގޮތާ މުޅިން ޚިލާފަށް، އެ ބުރުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުން ވަނީ، 101635 ވޯޓު ދީފައެވެ. އެއީ ވޯޓުލީ މީހުންގެ 46 އިންސައްތައެވެ. 

ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ، 30 ސެޕްޓެމްބަރު 2023ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން ހަވީރު 5:00އަށެވެ.