"ފިތިގެން ދިޔަ ވަގުތު އެމަނިކުފާނު [ރައީސް އިބްރާހީމް]ގެ ގައިން އައީ... މާމުއި!" ކަމަށް ވިދާޅުވެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ތަޢުރީފުކުރެއްވުމަށް ފަހު، ދެ ވަނަ ބުރުގައި އެމަނިކުފާނު ދޫކޮށް ދިޔަ އެމްޑީޕީގެ ކުރީގެ ކޯލިޝަން ޕާޓުނަރު ދިޔަ އަޙްމަދު ސިޔާމް މުޙައްމަދުގެ އެމްޑީއޭއަށް ކަން ކުރެވުނީ ރަނގަޅަށް ނޫންކަން ވަރަށް އަވަހަށް ފެންނާނޭކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

ދެވަނަ ބުރުގެ ކެމްޕޭންގައި ދެކުނުގެ ތިން ސިޓީ (އައްޑޫ، ފުވައްމުލައް އަދި ތިނަދޫ)އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް އިބްރާހީމް ވިދާޅުވީ، އެމްޑީއޭއިން ޑރ. މުޢިއްޒަށް ތާޢީދުކުރުމުން ކަންބޮޑުވެވަޑައި ނުގަންނަވާ ކަމަށާއި އަދި އެމީހުން ކަންކުރީ ރަނގަޅަށް ނޫންކަން ވަރަށް އަވަހަށް ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ. 

ރައީސް އިބްރާހީމް ވިދާޅުވީ، "އެކަން އެ ދިޔައީ މާޒީއަށް. އަޅުގަނޑު ދަންނަވާނީ އެ ކުރެވުނީ އެންމެ ރަނގަޅު ގޮތް ނޫންކަން، އެކަން އެ ކުރެވުނީ އެންމެ ރަނގަޅު ވަގުތުގައި ނޫން ކަން، ހަމަ ލަސްތަކެއް ނުވެ ފެނުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބަ އޮތް،" ކަމަށެވެ.

ރައީސް ވިދާޅުވީ، އެމްޑީޕީން މިފަހަރު ދެވަނަ ބުރުގެ ކެމްޕޭނަށް ތައްޔާރުވީވެސް މިފަދަ ސިނާރިއޯތަކަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށާއި، އެހެން ކަމުން އެމަނިކުފާނުގެ ކެމްޕޭނަށް އެމްޑީއޭ ދިޔައެއްކަމަކު ހުއްޓުމެއް ނާންނާނޭ ކަމަށެވެ.

ރައީސް އިބްރާހީމް ހިފަހައްޓަވަމުން އައި "ބޮޑުކޯލިޝަން" ރޫޅާލުމާ ގުޅޭގޮތުން، އެމްޑީއޭގެ ނައިބު ރައީސް ޢަލީ މަޢުރޫފު ވިޑާޅުވެފައި ވަނީ، އެ ޕާޓީގެ ކައުންސިލްގެ ގިނަ މެންބަރުން ޤަބޫލުކުރީ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ސަރުކާރުގެ ކެންޑިޑޭޓާ ވާދަކޮށް 15،000 ވޯޓުގެ ތަފާތަކުން ކުރިހޯދީމާ ރައްޔިތުން އާނބަސް ބުނީ ކަމަށެވެ. އޭގެ އިތުރުން، ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކުން ރައީސް އިބްރާހީމާއެކު ދެވަނަ ބުރުގައި ކޯލިޝަން ނުހެދުމަކީ، ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް އިންތިޚާބުކުރާން އެޅުނު ވަރަށް ބޮޑު ހުރަހެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މީގެ އިތުރުން ފުރަތަމަ ބުރުގެ ނާކމިޔާބީއަށް ފަހު، 15 ދުވަސް ވަންދެން ހުރިހާ ރަށެއްގެ ކެމްޕޭން ޖަގަހަތައް ބަންދުކޮށްގެން އެމްޑީޕީން ތިބި ތިބުމަކީ، އެޕާޓީން ބަލިގަބޫލުކުރުންކަމަށް އެމްޑީއޭގެ މެންބަރުން ދެކޭކަމަށްވެސް މައުރޫފު ވަނީ ވިދާޅުވެފައެވެ.