ފުރަތަމަ ބުރެކޭ އެއްގޮތަށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރުންމަތީ ޢަދާލަތު ޕާޓީއިން ސާބިތުކަމާއެކީ ދެމިއޮންނާނޭކަމަށް އެ ޕާޓީން ބުނެފިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ރައީސް އިބްރާހީމަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާ ގުޅިގެން، އެމްޑީޕީ ކޯލިޝަންގައި ހިމެނޭ، އެމްޑީއޭއިން ވަނީ، ކޯލިޝަން އެއްބަސްވުން ރޫޅާލައި، ފުރަތަމަ ބުރުން ތަފާތު ބޮޑުކޮށް އެއްވަނަ ހޯދި އިދިކޮޅު ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ދެވަނަ ބުރުގައި ތާޢީދުކުރާން ނިންމައިފައެވެ. އެހެންކަމުން މިހާރު ރައީސް އިބްރާހީމާއެކު ކޯލިޝަންގައި އޮތީ ހަމައެކަނި އަދާލަތު ޕާޓީއެވެ.

"ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރުންމަތީ ޢަދާލަތު ޕާޓީއިން ސާބިތުކަމާއެކީ ދެމިއޮތް ވާހަކަ ދަންނަވަމެވެ." ދާޚިލީ ވަޒީރު ޢިމްރާން ޢަބްދުﷲގެ އަދަލާތުން ބުނެފައިވެއެވެ.

"އަދި މާތް ﷲ ގެ އިރާދަފުޅާއެކު މި އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އެމްޑީޕީއާއި ރައީސް ޞާލިޙަށް ތާޢީދުކުރައްވާ އެންމެހާ ފަރާތްތަކާއެކުގައި މި ޕާޓީއިން ކުރާނެވާހަކަ ދެންނެެވީމެވެ." އަދާލަތުން އިތުރަށް ބުނެފައިވެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީ/އެމްޑީއޭ އަދި އަދާލަތު ހިމެނޭ ސަރުކާރު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމަށް ލިބިވަޑައިގަތީ 86161 ވޯޓެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒަށް 101635 ވޯޓު ލިބިވަޑައިގަތެވެ.

ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ، 30 ސެޕްޓެމްބަރު 2023 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން ހަވީރު 5:00އަށެވެ.