ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު ދޫކޮށް، އެންމެން ހިނގައްޖެ ކަމަށާއި މިހާރު އެމަނިކުފާނު އަރިހުގައި ތިބީ ރިޔާސީ އިންތިޚާބުތަކުގައި އާންމުކޮށް އަގަށް ދުޢާކޮށްދޭ ބައިގަނޑު އެކަނިކަމަށް އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް އަދި ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ތަރި ޢަލީ ޢުމަރު ވިދާޅުވެއްޖެއެވެ.

ކުރީގެ ސްޕޯޓްސް ކޮމިޝަނަރު ކަންވެސް ކުރެއްވި ޢަލީ ޢުމަރު، އޭނާގެ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، "ރައީސް މުޙައްމަދު ނަޝީދު އެވަރަށް ބުނީމަވެސް އެމްޑީޕީ ކުދިން ގަބޫލުނުކުރީ،" ކަމަށާއި "މިއަދު އިބޫ ކައިރީ އެތިބީ އަގަށް ރިޔާސީ އިންތިހާބުތަކުގަ އާންމުކޮށް ދުޢާ ކޮށްދޭ ބައިގަނޑު އެކަނި،" ކަމަށެވެ.

އަދި "إِنْ شَاءَ ٱللَّٰهُ އޮކްޓޯބަރު 1، 2023ގެ އިރު އަރާނީ ދިވެހީންގެ ރާއްޖެ ދިވެހިންނަށް ލިބިގެން،" ކަމަށްވެސް އެ ޕޯސްޓުގައި އޭނާ ލިޔުއްވާފައިވެއެެވެ. 

ޢަލީ ޢުމަރު މި ޕޯސްޓުކުރައްވާފައި ވަނީ، އަންގާރަ ދުވަހުގެ ރޭ ބޭއްވި އެމްޑީއޭގެ ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި، ބައިވެރިވެ ވޯޓުދިން 33 މެންބަރުންގެ އަޣުލަބިއްޔަތުން، އެމްޑީޕީއާއެކު އެމްޑީއޭއިން ހަދާފައިވާ ކޯލިޝަން އެއްބަސްވުން ރޫޅާލައި، ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ތާޢީދުކުރުމަށް ނިންމާފައި ވަނިކޮށެވެ.

އެމްޑީއޭއިން ރައީސް އިބްރާހީމާއި އެމްޑީޕީ ދޫކޮށްލުމުން، މިހާރު އެމަނިކުފާނު ހިފެހެއްޓެވި ވަރުގަދަ ކޯލިޝަންގައި ދެން ބާކީ އޮތީ ދާޚިލީވަޒީރު ޢިމްރާން ޢަބްދުﷲގެ އަދާލަތު ޕާޓީ އެކަންޏެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ޢަލީ ޢުމަރު "އަގަށް ދުޢާކޮށްދޭ ބައިގަނޑުކަމަށް" އެ ނިސްބަތްކުރައްވަނީ އަދާލަތު ޕާޓީއަށެވެ.