ކޮވިޑް19ގައި ދުނިޔެއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުގައި "އަޅުގަނޑުމެން ފިތިގެން ދިޔަ ވަގުތު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ފިތިގެން ދިޔައީ. ފިތިގެން ދިޔަ ވަގުތު އެމަނިކުފާނުގެ ގައިން އައީ ކޯއްޗެއްތޯ؟ މާމުއި!" ކަމަށް ވިދާޅުވެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ތަޢުރީފުކުރެއްވުމަށް ފަހު، ދެ ވަނަ ބުރުގެ ވޯޓު ނަގަން 4 ދުވަހަށް ވެފައި ވަނިކޮށް އެމަނިކުފާނު ދޫކޮށް، އެމްޑީޕީގެ ކޯލިޝަން ޕާޓުނަރު އެމްޑީއޭއިން ނިންމައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި އެމްޑީއޭގެ ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި، ބައިވެރިވި 97 އިންސައްތަ މެންބަރުން ޝުޢުރުފާޅުކޮށްފައި ވަނީ، އެމްޑީޕީއާއެކު އެމްޑީއޭއިން ހަދާފައިވާ ކޯލިޝަން އެއްބަސްވުން ރޫޅާލައި، ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ތާޢީދުކުރުމަށެވެ. 

 އެގޮތުން، ޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުޙައްމަދު ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުމުގައި، އެޕާޓީގެ ކައުންސިލް މެންބަރު މުޙައްމަދު އައްބާސް، އެމްޑީޕީއާއެކު ވެފައިވާ ކޯލިޝަން ރޫޅާލައި މުޢިއްޒަށް ތާޢީދުކުރުމަށް ހުށަހެޅުއްވުމުން 33 މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ އެ ހުށަހެޅުން ފާސްކޮށްފައެވެ. ދެކޮޅަށް ވޯޓުދެއްވީ ދެ މެންބަރުންނެވެ. ސިޔާމް ހުށަހެޅުއްވީ އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކުރުމަށެވެ. 

ކައުންސިލް ބައްދަލުވުމަށް ފަހު، އެމްޑީއޭގެ ނައިބު ރައީސް ޢަލީ މަޢުރޫފު މީޑިއާތަކަށް ވިދާޅުވީ، އެ ޕާޓީގެ ކައުންސިލްގެ ގިނަ މެންބަރުން ޤަބޫލުކުރީ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ސަރުކާރުގެ ކެންޑިޑޭޓާ ވާދަކޮށް 15،000 ވޯޓުގެ ތަފާތަކުން ކުރިހޯދީމާ ރައްޔިތުން އާނބަސް ބުނީ ކަމަށެވެ. އޭގެ އިތުރުން، ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކުން ރައީސް އިބްރާހީމާއެކު ދެވަނަ ބުރުގައި ކޯލިޝަން ނުހެދުމަކީ، ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް އިންތިޚާބުކުރާން އެޅުނު ވަރަށް ބޮޑު ހުރަހެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މައުރޫފް އިތުރަށް ވިދާޅުވީ، ފުރަތަމަ ބުރުގެ ނާކމިޔާބީއަށް ފަހު، 15 ދުވަސް ވަންދެން ހުރިހާ ރަށެއްގެ ކެމްޕޭން ޖަގަހަތައް ބަންދުކޮށްގެން އެމްޑީޕީން ތިބި ތިބުމަކީ، އެޕާޓީން ބަލިގަބޫލުކުރުންކަމަށްވެސް އެމްޑީއޭގެ މެންބަރުން ދެކޭކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި، އެމްޑީއޭއިން ވަނީ ވަރަށް ފޯރިއާއެކު ރައީސް އިބްރާހީމަށް ކެމްޕޭންކޮށްދީފައެވެ. ނަމަވެސް، ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު، ރައީސް އިބްރާހީމާއެކު އެމްޑީއޭގެ ލީޑަރު އެއްގޮތަކަށްވެސް ފެނިފައެއް ނުވެއެވެ. 

އެމްޑީއޭގެ ކައުންސިލުން ޑރ. މުޢިއްޒަށް ތާޢީދުކުރުމަށް ނިންމުމުން، ސިޔާމް ވިދާޅުވީ، އެމްޑީއޭއަކީ، އަބަދުވެސް އެއްކޮށް އުޅޭ ބަޔަކާއެކު "ފުލްފްލެޖް"ގައި މަސައްކަތްކުރާ ބައެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ޑރ. މުޢިއްޒާއެކު ވެސް އެޕާޓީން މަސައްކަތްކުރާނީ އެގޮތަށް ކަމަށެވެ.

އެމްޑީއޭއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވެސް ކޯލިޝަން ޕާޓުނަރެކެވެ. ސިޔާމް ރައީސް އިބްރާހީމް ދޫކޮށްލެއްވުމުން، މިހާރު އެމަނިކުފާނު ހިފެހެއްޓެވި ވަރުގަދަ ކޯލިޝަންގައި ދެން ތިއްބަވާނީ، ދާޚިލީވަޒީރު ޢިމްރާން ޢަބްދުﷲގެ އަދާލަތު އެކަންޏެވެ. 

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީ/އެމްޑީއޭ އަދި އަދާލަތު ހިމެނޭ ސަރުކާރު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމަށް ލިބިވަޑައިގަތީ 86161 ވޯޓެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒަށް 101635 ވޯޓު ލިބިވަޑައިގަތެވެ.

ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ، 30 ސެޕްޓެމްބަރު 2023 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން ހަވީރު 5:00އަށެވެ.