ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން 2 އަހަރާ 8 މަސް ދުވަހުގެ ތެރޭގައި، މުޅި މަޝްރޫއު ނިންމައި ހުޅުވި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް "ސިނަމާލެ ބްރިޖް"ގެ މަސައްކަތަށްވުރެ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އަޅަމުން އަންނަ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް "ތިލަމާލެ ބްރިޖް"ގެ މަސައްކަތް މާ އަވަސްކަމަށް، ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ. 

މަހުލޫފު މިހެން ވިދާޅުވެފައި މިވަނީ، ތިލަމާލެ ބްރިޖްގެ މަސައްކަތް ލަސްކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އެވާހަކަ ދައްކާތީ އެކަމަށް ރައްދުދެއްވައެވެ. 

ދިގު މިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާމިނުގައި 20.3 މީޓަރު ހުންނަ، މާލެއާ ހުޅުލެ ގުޅުވާލަދިން ސިނަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފެށީ، 31 ޑިސެމްބަރު 2015ގައެވެ. އަދި މަޝްރޫޢު ނިންމާން ދީފައިވާ މުއްދަތަށްވުރެ 25 ދުވަސް ކުރީން އެ މަސައްކަތް ނިންމައި ރައީސް ޔާމީނު ވަނީ 30 އޯގަސްޓް 2018ގައި ބްރިޖް ރަސްމީކޮށް ހުޅުވައިދެއްވާފައެވެ. މި ބްރިޖުގެ އަގަކީ 210 މިލިއަން އެމެރިކާ ޑޮލަރެވެ. އޭގެ ތެރޭން 126 މިލިއަން އެމެރިކާ ޑޮލަރަކީ ޗައިނާގެ ހިލޭއެހީއެވެ. މި މަޝްރޫއުގެ މަސައްކަތް ކޮށްފައި ވަނީ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްސީއީސީ)ގެ ސަބްސިޑަރީއެއް ކަމަށްވާ، ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ންނެވެ.

މަހުލޫފު ވިދާލުވީ، "ތިލަމާލެ ބުރިޖުގެ ތަނބެއް ނުފެއްނިގެންކަމަށްބުނެ ހަޖޫޖަހާއިރު، ހަގީގަތަކީ ބުރިޖުގެ މުހިއްމު އަދި ބައިވަރު އެތައް މަސައްކަތެއް މިއަދުވެސް ދަނީ ކުރިއަށް" ކަމަށެވެ. 

"ތަނބުތަކުގެ މަސައްކަތް ނިމޭއިރު ހުންނާނީ ބުރިޖު ރާވާލެވޭ ވަރަށް ތައްޔާރަށް ކަމަށް ބެލެވޭ. މަސައްކަތުގެ ސްޕީޑުހުރިގޮތަށް ބަލާއިރު، ހުޅުލެ ބުރިޖުގެ މަސައްކަތަށްވުރެ މާއަވަސް މުއްދަތެއްގެތެރޭގައި ތިލަމާލެ ބުރިޖުގެ މަސައްކަތް ނިމޭނެކަމަށް ބެލެވޭ،" ކަމަށް އޭނާ ވިދާޅުވިއެވެ. 

މާލެއިން ފެށިގެން ތިލަފުއްޓާ ހަމައަށް ގުޅާލަން ކުރިއަށް ގެންދާ، 3.6 ކިލޯމީޓަރުގެ ތިލަމާލެ ބްރިޖްގެ މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރ އާ ހަވާލުކުރީ، 26 އޮގަސްޓް 2021ގައެވެ. 500 މިލިއަން އެމެރިކާ ޑޮލަރު (6.2 ބިލިއަން ރުފިޔާ)ގެ މި މަޝްރޫއު ނިންމާން ދީފައި ވަނީ 2 އަހަރާ 25 ދުވަހެވެ. އެގޮތުން ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި މާލެ-ވިލިމާލެ ބްރިޖް: 2023ގެ ޖުލައިގެ ނިޔަލަށް ނިންމާލުމަށް ވަނީ އެއްބަސް ވެފައެވެ. އަދި ވިލިމާލެ-ގުޅީފަޅު ބްރިޖްގެ ބައި 2023ގެ ޑިސެމްބަރަށް، އަދި ގުޅިފަޅު-ތިލަފުށި ގުޅާލަދޭބައި، 2024ގެ ނޮމްބަރަށް ނިންމާލުމަށް ވަނީ އެއްބަސް ވެފައެވެ. 

އިންޑިއާ ސަރުކާރުން 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) ހިލޭ އެހީގެ ގޮތުގައި ހަމަޖައްސައި، ބާކީ 400 މިލިއަން މަޝްރޫޢު ނިމޭތާ 5 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ކުރިއަށް ގެންދާ މި މަޝްރޫއު އަމަލީ މަސައްކަތް ވަރޗުއަލްކޮށް ފައްޓަވައިދެއްވައި ފުރަތަބުގެ ބިންގާ އަޅުއްވައި ދެއްވީ، 2 އޯގަސްޓް 2022ގައި އިންޑިއާގެ ވެރިރަށް ދިއްލީގައި ތިއްބަވައިގެން އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. 

ރައީސް އިބްރާހީމް މީގެ ކުރީން ވިދާޅުވެފައިވާ ގޮތުން، އަދި އެފްކޮންސްއިން މީގެ ކުރީން މަޝްރޫއުކުރިއަށް ގެންދާން ތާވަލުކޮށްފައި ވާ ގޮތުން، މިދިޔަ އޯގަސްޓް މަހުން ފެށިގެން މާލެއާ ވިލިމާލެއާ ދެމެދު ބްރިޖުމަތީންލާފައި ދަތުރުކުރެވޭނެއެވެ. ނަމަވެސް، މަސައްކަތުގެ ދުވެލި އަވަސްކޮށް، ޖުލައި މަހުގެ ނިޔަލަށް މާލެއާ ވިލިމާލެ ގުޅާލުމަށް އިތުރު 200 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ މި ބްރިޖުގެ މަސައްކަތް ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، އަދި މިހާތަނަށް ފެންނާން ހުރީ ދެތިން ތަނބެވެ. ސައިޓްތަކުގެ ބްރިޖް ތަނބުތައް ޕްރީކާސްޓިން މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށް އެބަ ގެންދެއެވެ. އަދި ގަޑިއަށް މަސައްކަތް ނިންމާލުމަށް، ބްރިޖް ސައިޓްތަކުގައި 24 ގަޑިއިރު މަސައްކަތް ކުރިއަށްދާކަމަށް މައުލޫމާތު ލިބެއެވެ. 

ބްރިޖްގެ މަސައްކަތް ކުރަމުން އަންނަ އެފްކޮންސް އިން އެންމެ ފަހުން ބުނެފައި ވަނީ، ތިލަމާލެ ބްރިޖުގެ މަސައްކަތް ލަސް ނޫންކަމަށާއި، އެއްބަސްވުމުގައި ވާގޮތުން މާލެ-ވިލިނގިލި ގުޅާލުމަށް އޮތް ސުންގަޑިއަކީ ޑިސެމްބަރު 2023 ކަމަށެވެ. އަދި އެގޮތަށް މަސައްކަތް ނިންމާނޭކަމުގެ ޔަގީންކަންވެސް އެކުންފުނިން ދެއެވެ.