އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކުރާ ޚިޔާނާތުގެ ދެ ދަޢުވާ ކަމަށްވާ ވ. އާރަށާއި ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތާއި ޚިޔާނާތް އެކުލެވޭކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ޝަރީޢަތް މި ހަފްތާގެ އަންގާރަ އަދި ބުދައަށް ތާވަލްކޮށްފިއެވެ. 

ރައީސް ޔާމީނުގެ މައްޗަށް ޑިސެމްބަރު 25، 2022ގައި ވަނީ، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި، މަނީ ލޯންޑަރިންމަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ. ނަމަވެސް، އޭޕްރީލް 18، 2024ގައި ހައިކޯޓުން ވަނީ، ކްރިމިނަލް ކޯޓުން އިއްވާފައިވާ އެ ޙުކުމް ބާޠިލުކޮށް އަލުން އެ މައްސަލަ ބަލަން ކޯޓުގެ މައްޗަށް އަމުރުކޮށްފައެވެ.

ދެން އޮތީ ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑަރ ކުރެއްވި ކަމަށް ބުނެ އުފުލާފައިވާ ދަޢުވާއެވެ. 

މީގެ އިތުރުން، ގއ. ވޮޑަމުއްލާގެ ޚިޔާނާތުގެ މައްސަލައިގައިވެސް، އެއް މިލިއަން ޑޮލަރު ލޯންޑަރކުރިކަން ސާބިތުވެ، 2019ގައި ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލުޙުކުމް، ހައި ކޯޓުން ދެމެހެއްޓި ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ އެހުކުމް ބާތިލްކޮށް 2021 ވަނަ އަހަރު އެމަނިކުފާނު މިނިވަންކޮށްފައެވެ. މި މައްސަލައިގައި ގިނަ ދުވަސްތަކެއް އެމަނިކުފާނު ޖަލުގައި ހޭދަކުރެއްވިއެވެ.

ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހުން އާންމުކުރި ނަމަވެސް، މިކަމުގައި ޝަރީޢަތްކޮށް ދަޢުވާ އުފުލާފައިވަނީ ރައީސް ޔާމީނާއި، މި ޚިޔާނާތުގެ މުގުލުގައި ހުރި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި އަދި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲގެ މައްޗަށެވެ. 

މީގެ ތެރޭން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވެރިކަން ނިންމާލައްވާފައި ވަޑައިގެންނެވި އިރު، ވަޑައިގަތީ އަދީބާއި ޒިޔަތު މިނިވަންކުރައްވާފައެވެ.