"ފެށި މަސައްކަތް ނިންމަން" ހޭޝްޓެގާއެކު ދަ ޑިމޮކްރެޓްސްގެ ގިނަ ޢަދަދެއްގެ މެންބަރުން "#އިބޫނޫންގޮތެއް" ހޯދައި، "އެމްޑީޕީ ރޫޅާލަން" ވަރުގަދަ ކެމްޕޭނެއް ފަށައިފިއެވެ. 

ޑިމޮކްރެޓުންގެ މި ހަރަކާތުގެ މައި މަރުކަޒެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ކެމްޕޭން އޮފީހެވެ. މީގެ އިތުރުން އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ކެމްޕޭން އޮފީސްތަކާއި، ކޯޑިނޭޓިންގ ކޮމިޓީ އެކުގައި މި މަސައްކަތުގައި ބައިވެރިވާނޭ ކަމަށް މިހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ މެންބަރުން އަސްލުނިއުސްއަށް މަޢުލޫމާތުދެއެވެ. 

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެމްޕޭމް އޮފީހުގައި ޑިމޮކްރެޓުންގެ ކެމްޕޭން ޓީމުން ބޭއްވި ނުރަސްމީ ބައްދަލުވުމުގެ ތެރޭން-- އަސްލު ފޮޓޯ: ކޮންކޯޑު

 

ޑިމޮކްރެޓުންގެ ރިޔާސީ ކެންޑިޑޭޓުގެ ކެމްޕޭން މެނޭޖަރު މުޙައްމަދު ޔާސީން "އަސްލުނިއުސް"އަށް ވިދާޅުވީ، "މިއީ އެމްޑީޕީގެ ޑައިރެކްޝަން ގޯސްވެގެން، އެމްޑީޕީ ރަނގަޅުކުރާން އެމްޑީޕީން ތެރޭން އުފެދުނު ޚަރަކާތެއް" ކަމަށެވެ.

"ރާއްޖެއަށް ޑިމޮކްރެސީ ގެންނަށް އެމްޑީޕީން ކުރި މަސައްކަތް، އެމްޑީޕީގެ ވިސްނުމާ ފިކުރާ ބީރައްޓެހި ބަޔަކު އެމްޑީޕީ ތެރެއަށް ވަދެ، އަނެއްކާވެސް ޚުދުމުހުތާރު އަނިޔާވެރި ވެރިކަމަކަށް މިސްރާބު ޖެހުމުން، [ފިކުރެއްގެ ދިރުން] މިނަމުގައި، އަސްލު އެމްޑީޕީ މީހުން ނުކުމެ އުފެއްދި ޕާޓީ [ދަ ޑިމޮކްރެޓްސް]އަކީ،" އޭނާ ވިދާޅުވިއެވެ.

"ދަ ޑިމޮކްރެޓްސް އުފެއްދި މެންބަރުންގެ އިޙްސާސް ހުރީ، އިބޫ ނޫންގޮތެއް ހޯދައި، އެމްޑީޕީ ރޫޅާލުން" 

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެމްޕޭމް އޮފީހުގައި ޑިމޮކްރެޓުންގެ ކެމްޕޭން ޓީމުން ބޭއްވި ނުރަސްމީ ބައްދަލުވުމުގެ ތެރޭން-- އަސްލު ފޮޓޯ: ކޮންކޯޑު

 

ދަ ޑިމޮކްރެޓްސް އިން ރަސްމީކޮށް ނިންމާފައި ވަނީ، މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް މެންބަރަކަށް ތާޢީދު ނުކުރުމަށެވެ. ޕާޓީން ވަކިގޮތަކަށް ނިންމާފައި ވީ ނަމަވެސް، މެންބަރުންގެ ރޫހު ހުރީ، ޕާޓީ އުފެއްދި އެއް މަގުސަދު ކަމަށްވާ "އެމްޑީޕީ ރޫޅާލުމާއި" އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަން ނިމުމަކަށް ގެނައުމެވެ. 

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެމްޕޭމް އޮފީހުގައި ޕީޕީއެމް/ޕީއެންސީގެ އިސް ފަރާތްތަކާއެކު ޑިމޮކްރެޓުންގެ ކެމްޕޭން ޓީމުން ބޭއްވި ނުރަސްމީ ބައްދަލުވުމުގެ ތެރޭން-- ފޮޓޯ: ޕީޕީއެމް

 

އެގޮތުން، ޑިމޮކްރެޓްސްގެ ގިނަ ޢަދަދެއްގެ މެންބަރުން މިހާރު ވަނީ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ރަނިންގމޭޓް ޙުސައިން މުޙައްމަދު (ސެމްބެ)އާއި އަދި ޕީޕީއެމް/ޕީއެންސީގެ އިސްބޭފުޅުން ހިމެނޭގޮތަށް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.