އުތުރު ތިލަފަޅާއި ކައްދޫ އެއާޕޯޓާއި، ހަނިމާދޫގައި ބޭރުގެ އަސްކަރީ ސިފައިން ހަރަކާތްތެރި ނުވާކަށް ރައްޔިތުންނަށް ސާބިތުކޮށްދެއްވުމަށް، އެތަންތަނަށް ގޮސް ބަލައި ރަނގަޅަށް މަޢުލޫމާތު ހޯދުމަށް ދިވެހި ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދެއްވި ހުޅުވިފައިވާ ދަޢުވަތަށް އިޖާބަދީ، އެމަސައްކަތް ޢަމަލީ ގޮތުން ފެށި ނޫސްވެރީންގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކުށްވެރިކޮށްފިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާގެ ގިނަ ޢަދަދެއްގެ ސިފައިން އެބަތިބިކަމަށާއި ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް އޭގެ ސަބަބުން ނުރައްކާ އޮތްކަމަށްބުބެ، އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އޭގެ ތެރޭގައި، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި 8 ކެންޑިޑޭޓުންގެ ތެރޭން، ރައީސް އިބްރާހީމާއި، އަމިއްލަގޮތުނ ވާދަކުރެއްވި ހަސަން ޒަމީލު ފިޔަވައި ބާކީ 6 ކެންޑިޑޭޓުންވެސް ވަނީ ފުރަތަމަ ބުރުގެ ކެމްޕޭނުތެރޭގައި މިކަން ވަރަށް ބޮޑަށް ފާހަގަކޮށް ވާހަކަދައްކަވައިފައެވެ.

ރައީސް އިބްރާހީމް ގަބޫލުފުޅުކުރެއްވި ގޮތުގައި، އެމަނިކުފާނަށް ފުރަތަމަ ބުރުން، ގަބޫލުފުޅުކުރައްވާން ދަތި ނަތީޖާއެއް ލިބިވަޑައިގަތީވެސް އިދިކޮޅުން ކުރި މި ތުހުމަތުތަކުގެ ސަބަބުންނެވެ. އެހެންކަމުން އެމަނިކުފާނު ވަނީ ދެވަނަ ބުރުގައި ކެމްޕޭން ސްޓްރެޓަޖީ ބަދަލުކޮށް، މުޅި ޓީމު އެޓޭކަށް އަރައި ގޯލަކަށްފަހު ގޯލެއް ޖަހައި އިންތިޚާބު ކާމިޔާބުކުރައްވާނޭ ކަމަށް ވިދާޅުވެފައެވެ. 

އެމްޑީޕީން ހެންވޭރު ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައ ރައީސް އިބްރާހީމް ވިދާޅުވީ، "އަޅުގަނޑުމެން މިތިބީ އެ ހުރިހާ ތަނެއް ދައްކަން. އަޅުގަނޑުމެންނާ ދޭތެރޭގައި ޝައްކު އުފައްދާ، އުތުރު ތިލަފަޅު ކަމަށް ވިޔަސް، ކައްދޫ އެއާޕޯޓް ކަމަށް ވިޔަސް، ހަނިމާދޫ ކަމަށް ވިޔަސް ވަޑައިގެން ބައްލަވަންވީ،" ކަމަށެވެ.

އެއާއެކު، ޖެހިގެން އައި ދުވަހު ރާއްޖޭގެ ބައެއް ނޫސްވެރީން ވަނީ، ރައީސް ދެއްވި ދަޢުވަތަށް އިޖާބަދީ، ރައްޔިތުންނާ ހަމައަށް ދެތު މަޢުލޫމާތު ފޯރުކޮށްދިނުމަށް، އެންމެ ކައިރިން ޚަބަރު ބަލައިލެވޭން އޮތް އުތުރު ތިލަފަޅު ބަލައިލާން މަސައްކަތްކޮށްފައެވެ. އޭގެތެރޭގައި ދިޔަރެސް ނޫހާއި ވަގުތު ނޫހުގެ ނޫސްވެރީން ހިމެނެއެވެ.

ނަމަވެސް، އެތަނަށް ދިޔަ ނޫސްވެރީންނަށް ކަށަވަރުވީ ކަމަކީ، އެއީ އަދި ހަމަ އަސްކަރީ ބަނދަރެއްގެ މަސައްކަތްކުރާ ތަނެއް ކަމަށާއި، އެތަނުގައި މަސައްކަތްކުރާ އެމްއެންޑީއެފްގެ ބޭކަލުންވެސް ރިޕޯޓުކުރާން ޖެހެނީ، ރޯހިތު ނަމަކަށް ކިޔާ އިންޑިއާ މީހަކަށް ކަމެވެ. އަދި ނޫސްވެރީން އުތުރު ތިލަފަޅުގައި ހަދަމުން އަންނަ ސިފަވަރު ޖެޓީއާ ކައިރިކޮށް، މައުލޫމާތު އޮޅުން ފިލުވާން އުޅުމުން އެވަގުތު އެތަނުގައި ހުންނެވި ސިފައިންގެ ފަސްޓް ކްލާސް ސާޖެންޓަކު ވަނީ، އެތަން ފޮޓޯ ނުނެގުމަށާއި، ވީޑިއޯ ނުކުރުމަށާއި، އަދި އެތަނަށް ކައިރިވެސް ނުވުމަށް ނޫސްވެރިންނަށް އަންގައިފައެވެ. އަދި އުތުރު ތިލަފަޅުން ގޯތިދޭން ނިންމާފައިވާކަން ނޭނގޭކަމަށްވެސް ވިދާޅުވިއެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ނޫސްވެރީންނާއެކު ސެލްފީއެއް ނަންގަވަނީ. މިއީ ބައެއް ނޫސްވެރީން ގަބޫލުކުރާ ގޮތުން ނޫސްވެރިކަމުގެ މިނިވަންކަން އިންތިހާއަށް އޮތްކަމުގެ ހެއްކެއް-- ފޮޓޯ: ޕީއޯ

 

މިހާދިސާއާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ވަނީ، އެމްއެންޑީއެފްގެ ހުއްދަ ނެތި އުތުރު ތިލަފަޅުގައިވާ، އެމްއެންޑީއެފްގެ ސަރަހައްދަށް ވަނުމަށް ނޫސްވެރީން މަސައްކަތްކުރުމަކީ ޤާނޫނާއި ޤަވާއިދާއި ޚިލާފު، ސިފައިންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅުމަށް ހިންގާފައިވާ ދަށުދަރަޖައިގެ ޢަމަލެއްކަމަށާއި އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށެވެ. 

ސިފައިންގެ އެންމެ މަތީވެރިޔާ ދެއްވި ދަޢުވަތު ޤަބޫލުކޮށް އުތުރު ތިލަފަޅަށް ދިޔަ ނޫސްވެރީންނާ މެދު ޤާނޫނާ ޤަވާއިދުގެ ތެރޭން ފިޔަވަޅުއަޅައި ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނޭކަމަށްވެސް އެ އެމްއެންޑިއެފްގެ ބަޔާނުގައިވެއެވެ. 

"އެމްއެންޑީއެފްގެ ހުއްދަނެތި، އެންއެންޑީއެފްގެ މަރުކަޒަކަށް ވަނުމަށް މަސައްކަތްކުރި ކުރުމަކީ، ވަރަށް ޒިންމާދާރުކަން ކުޑަ، އަދި އެހާމެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކޭތީ، މިފަރާތްތަކާ މެދު ޤާނޫނާއި ޤަވާޢިދުގެ ތެރޭން ފިޔަވަޅު އަޅުއްވައިދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ވާހަކަ ދަންނަވަމެވެ." އެންއެންޑީއެފުން މީޑިއާތަކަށް ފޮނުވި ބަޔާނުގައިވެއެވެ. 

އިންޑިއާ ސަރުކާރުން، އިންޑިއާގެ ރެއިލް ވިކާސް ނިގާމް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން އުތުރު ތިލަފަޅުގައި ތަރައްގީކުރާ 186 މިލިއަން ޑޮލަރުގެ އަސްކަރީ ބަނދަރު މަޝްރޫއަކީ، ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ވަރަށް ބޮޑު ނުރައްކަލެއް އޮތް މަޝްރޫޢެއްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ތަކުރާރުކޮށް، އެ މަޝްރޫޢާގުޅޭ އެއްބަސްވުން ހާމަކުރަން ގޮވައިލަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެއްބަސްވުން ހާމަކުރެވެން ނެތްކަމަށް ބުނެފައެވެ. އަދި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓަށް ކުޑަތަން ވެފައިވަނިކޮށް، ސިފައިންގެ އެންމެ މަތީ ވެރިޔާ ދެއްވި ދަޢުވަތަށް އިޖާބަދީ އުތުރު ތިލަފަޅު ބަލަން ދިޔަ ނޫސްވެރީންގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް މިހާރު ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅައިފައެވެ.