ބުރާސްފަތި ދުވަހު، ޣައްޒާގެ މެދުތެރޭގައި ހުންނަ އަލް މަޣާޒީ ކޭމްޕްގައި ހުންނަ އޭނާގެ އެޕާޓްމަންޓަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ނޫސްވެރިއަކު ޝަހީދުވެއްޖެއެވެ.

އިޒްރޭލުގެ މި ނިރުބަވެރި ހަމަލާގައި ނޫސްވެރިޔާ ހުޝާމް ދަބަކީގެ އިތުރުން އޭނާގެ އަންހެނުންނާއި ދެ ފިރިހެން ދަރިންނާއި އާއިލާގެ އިތުރު ދެ މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ދަބަކީ ޝަހީދުވުމާއެކު، މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކުގައި ޝަހީދުވި ނޫސްވެރިންގެ އަދަދު 171 އަށް އަރާފައިވާ ކަމަށް ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެއެވެ.

ޣައްޒާއަށް ދެކޮޅަށް އިޒްރޭލު ސިފައިން ކުރިއަށް ގެންދާ މި އަނިޔާވެރި ހަނގުރާމައަކީ ފާއިތުވި 30 އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިންނަށާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ހަނގުރާމައެވެ.