"ރައްޔިތުންގެ ސާފު ވޯޓުން ކުރީގެ ރައީސެއްގެ މަޤާމަށް އިބޫ ބަދަލުވެގެން ދާނޭ..." ކަމަށާއި އުންމީދަނީ ދެންއަންނަ ސަރުކާރަކުން މި ސަރުކާރުގެ ކޮރަޕްޝަން ބަލައި އިންސާފު ހޯދުން ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށާއި އެމަނިކުފާނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ މަޝްހޫރު މިއުޒިކް ފަންނާނު މުހައްމަދު މާޖިދު (މެޒޯ މޯޑް) ބުނެފިއެވެ. 

މެޒޯ މޯޑަކީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާޢީދުކުރާ ފަރާތްތަކުން އެމްޑީޕީން ވަކިވެ އުފެއްދި ދަ ޑިމޮކްރެޓްސްގެ މެންބަރެކެވެ. އަދި ރައީސް ނަޝީދުގެ ސަޕޯޓަރެކެވެ. އަދި އޭނާ ދަނީ، ރައީސް އިބްރާހީމްގެ ސަރުކާރަށް ފުލުފުލުގައި ފާޑުކިޔަމުންނެވެ. ޚާއްސަކޮށް ރައީސް ނަޝީދަށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާގައިި މި ސަރުކާރުން ޢަމަލުކުރަމުންދާ ގޮތާއި، އަދި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް ލިބިވަޑައިގެންނެވި ހީނުކުރާވަރުގެ ބޮޑު ނާކާމިޔާބީއަށް ފަހު، ދެވަނަ ބުރަށް ވަމުންދާ ވަޢުދުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. 

މެޒޯގެ އިތުރުންވެސް ދަ ޑިމޮކްރެޓްސްގެ ގިނަ ޢަދަދެއްގެ މެންބަރުން ދަނީ، ރައީސް އިބްރާހީމްގެ ސަރުކާރު ބަދަލުކުރާން ޖެހޭކަމަށާއި، އަދި މި ސަރުކާރު ވެފައިވަނީ ވައްކަމާއި، ކޮރަޕްޝަނާއި ފަސާދައިގެ ހާއްޔެއް ކަމަށް ބުނެ، "އިބޫނޫންގޮތެއް" ހޯދުމަށް ގޮވަމުންނެވެ. އަދި ގިނަ ޢަދަދެއްގެ ޑިމޮކްރެޓުން މިހާރު ދަނީ، ފާޅުގައި އިދިކޮޅު ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ދެވަނަ ބުރުގައި ތާޢީދުކޮށް ކެމްޕޭނުވެސް ކުރަމުންނެވެ. 

ފުރަތަމަ ބުރުގެ ނާކާމިޔާބީއަށް ފަހު ރައީސް އިބްރާހީމް ގެންދަވަނީ، "ގޭ ފުއްޑަނުގައި އޮތް ކާށިބަސްތާއެއް ބަހާލާހެން އޮތްއެއްޗެއް ނެތް އެއްޗެއް ނުބަލައި، ބަހާ ނަގަނީ ވެރިކަން ދިފާޢުކުރެވޭތޯ.." ކަމަށާއި އަދި އެމަނިކުފާނު ހުންނެވީ "ދުނިޔެއިން މޮޔަވެފަ.." ކަމަށްވެސް މޯޑު ސިފަކުރެއެވެ. 

ރައްޔިތުން ނުކުމެ ރައީސް އިބްރާހީމް މިފަހަރުގެ އިންތިޚާބުން ބަލިކުރާނޭކަން ފާހަގަކޮށް މޯޑު އޭނާގެ އެކްސް ޕޯސްޓެއްގައި ބުނެފައި ވަނީ، "އުންމީދަކީ މި ސަރުކާރުގެ ކޮރަޕްޝަން ސާފުކޮށް، ބަލައި އިންސާފު ހޯދުމުގެ މަސައްކަތް ދެން ފެށޭ ސަރުކާރުން ކުރާނޭ ކަމުގެ އުންމީދު" ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް ލިބިވަޑައިގަތީ، 86،161 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 39.05 އިންސައްތައެވެ. ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދެވީ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. އޭނާއަށް 101،635 ވޯޓު ލިބުނެއެވެ. އެއީ 46.06 އިންސައްތަ ވޯޓެވެ. ދެ ކެންޑިޑޭޓުންވެސް ބުނަނީ، ދެވަނަ ބުރު ފަސޭހަކަމާއެކު ކާމިޔާބުކުރައްވާނޭ ކަމަށެވެ.