ރިޔާސީ އިންތިހާބު 2023ގެ ދެވަނަ ބުރުގައި، ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅި 50،047 ފޯމުގެ ތެރޭން ޞައްޙަކަން ކަށަވަރު ނުކުރެވުނީ، 11،284 ހުށަހެޅުންކަމަށާއި އަދި ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްޤު ލިބޭ މީހުންގެ ޖުމުލަ ޢަދަދަކީ 282803 ކަމަށް އިލެކްޝަންސް ކޮމިޝަނން ބުނެފިއެވެ.

އީސީގެ ނައިބުރައީސް އަދި ތަރުޖަމާނު އިސްމާޢީލު ޙަބީބު ވިދާޅުވީ، "ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅި ފޯމުތަކުގެ ތެރެއިން ސައްޙަވީ 38763 ހުށަހެޅުން. ސައްޙަކަން ކަށަވަރު ނުވީ 11284 ހުށަހެޅުން،" ކަމަށެވެ. 

ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅި ފޯމުތަކާ ގުޅޭގޮތުން، އިލެކްޝަންސް ކޮމިޝަނުން 48 ގަޑިއިރުގެ ޝަކުވާގެ މުއްދަތެއް ހުޅުވާލުމާ ގުޅިގެން ލިބިފައިވަނީ 361 ޝަކުވާ ކަމަށާއި، "މައިގަނޑު ގޮތެއްގައި މި ޝަކުވާގެ ތެރޭގައި ހިމެނެނީ ރިޖެކްޓް ކުރި ފޯމުތަކާ ގުޅޭ ޝަކުވާ،" ކަމަށްވެސް ހަބީބު ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ، "އެމީހާއަށް ނޭނގި އެމީހާގެ ނަމުގައި ސައްޙަ ނޫން ފޯމު ހުށަހަޅައިގެން ލިބިފައިވަނީ ވަރަށް މަދު ޝަކުވާއެއް،" ކަމަށެވެ. އަދި "ލިބުނު ޝަކުވާތަކަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ޖަވާބު ދެމުން،" ކަމަށާއި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު މިއަދު އިޢުލާން ކުރާނޭ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ. "އެލިސްޓަކީ ދެން ބަދަލު ނުގެނެވޭނެ ފައިނަލް ލިސްޓު." ޙަބީބު ވިދާޅުވިއެވެ. 

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު (30 ސެޕްޓެމްބަރު 2023) ދުވަހުއެވެ. ދެވަނަ ބުރުގައި ވާދަކުރާނީ ފުރަތަމަ ބުރުން އެއްވަނަ ހޯއްދެވި ކެންޑިޑޭޓް ނަމްބަރު 4 ޑރ. މުޙައްމަދު މުޢިއްޒާއި ދެވަނަ ހޯއްދެވި ކެންޑިޑޭޓް ނަންބަރު 3 ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.