އެމީހުން ބުނާގޮތުން، ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" އެމްޑީޕީން ވަކިވީ އިތުރު ގޮތެއް ނެތިގެންނެވެ. މާދުރުން އައި ބަޔަކު އެމްޑީޕީ ހިޞާރުކުރުމުންނެވެ. ރައީސްނަޝީދަށް ދެވުނު ހަމަލާގެ އިންސާފު ހޯދުމަށެވެ. އެ ފިކުރު ދަމަހައްޓާން މުޅިން އާ ޕާޓީއެއް އުފެއްދީ މަޖުބޫރުވެގެންނެވެ. އެމީހުންގެ ވަރަށް ޚާއްސަ މަޤުޞަދެއް އެބަ އޮތެވެ. އަސާސީ ޤަވާޢިދުގައި އެހެން ނެތެއްކަމަކު، ޑިމޮކްރެޓުންނަށް އެމީހުންގެ ހަށިގަނޑުގައި ޖަހާ ސިޔާސީ ވިންދު ވަރަށް ސާފެވެ. އެމީހުން ބުނާގޮތުން އެއީ އެމީހުންގެ ސިޔާސީ ފިކުރު ފަސާދަކޮށްލި ސިޔާސީ ލީޑަރު ސިޔާސީ މައިދާނުން ބާކީކޮށްލުމެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ދެވަނަ ދައުރަކަށް ހޮވުނަ ނުދިނުމެވެ. އެކަމަށް ފެށި މަސައްކަތް ނިންމުމެވެ.

މައްސަލައަކީ ކޮބާ؟

ޑިމޮކްރެޓުން ޤަބޫލުކުރާ އެއް ހަގީގަތަކީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ޕާޓީއަށް ބޮޑު ކާމިޔާބެއް ހޯދުނު ކަމެވެ. ޑިމޮކްރެޓުން ނޫނަސް އެހެން ފަރާތްތަކުންވެސް މި ޙަޤީޤަތް ޤަބޫލުކުރެއެވެ. ބާރުގަދަ ވެރިއަކު ސަރުކާރެއްގެ ހުރިހާ ބާރަކާއި ނުފޫޒު ބޭނުންކޮށް، ޑިމޮކްރެޓްސް އުފެދުނަ ނުދިނުމަށް ކުރި މަސައްކަތަށް ޑިމޮކްރެޓުން ދިނީ ފިސާރި ވަރުގަދަ ރައްދެކެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕާޓީއެއް އުފަންކޮށް، މެންބަރުން ހަމަކޮށް، މާކަބޮޑު ތައްޔާރީތަކެއްވެސް ނުވެވި ތިބި ހާލަތުގައި، ރިޔާސީ އިންތިޚާބެއްގައި ވާދަކޮށް، ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯދި ޕާޓީއަށް ވުމެވެ. ދައުލަތުގެ ހުރިހާ ބާރުތަކެއް (ސަރުކާރާއި ސަލާމަތީ ބާރުތަކާއި ޝަރުޢީ ދާއިރާއާއި ރަައްޔިތުންގެ މަޖިލީސް) އަދި މީޑިއާތައްވެސް މުށުތެރޭގައި ލައިގެން ތިބެ، ރާއްޖޭގެ އެންމެ ދުވަސްވީ، އެންމެ މެންބަރުން ގިނަ، އަދި ބިޔަ ބޮޑު ކޯލިޝަނަކާއެކު ނުކުތް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް އިންތިޚާބުގެ ދެވަނަށް ދުއްވައިލުމެވެ. އެއީ ޑިމޮކްރެޓުން ޤަބޫލުކުރާ ގޮތުން އެ ޕާޓީގެ މުސްތަގުބަލް އުޖާލާކަމުގެ ހެއްކެކެވެ. ޚާއްސަކޮށް ޑިމޮކްރެޓުންގެ "ފިކުރުގެ ބާނީ" ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާގެ އިންސާފު ހޯދަންކުރާ ދަތުރަށް ލިބުނު ބޮޑު ކާމިޔާބެކެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ދެވުނު ބޮމުގެ ހަމަލާއިން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަޚަމްތައް ފެންނަ ފޮޓޯއެއް: ފޮޓޯ: ސޯޝަލްމީޑިއާ

 

ޑިމޮކްރެޓުން ޤަބޫލުކުރާ ގޮތުން، އެމީހުން ނުކުމެ އެ ތިބީ އިންސާފު ހޯދާށެވެ. ރައްޔިތުންނަށް ޢަބުރުވެރި ދިރިއުޅުމެއް ހޯދައިދޭށެވެ. ގައުމު ހަމަމަގަށް އަޅުވާށެވެ. ވެރިކަމުގެ ނިޒާމު އިސްލާޙުކޮށް، އިޤްތިޞާދު ހަރުދަނާކޮށް، ކޮރަޕްޝަނާ ފަސާދަ ނައްތާލައި ޤައުމު ވެއްޓެމުންދާ އަނދަވަޅުން މިނިވަންކޮށް، އަލުން އަނބުރާ ރައްޔިތުންގެ ބާރުވެރިކަމަށް ގެންނައުމަށެވެ. މިކަންކަން ޙާސިލުކުރަން، ކުރާންޖެހޭ ފުރަތަމަ ކަމަކީ "އެމްޑީޕީ ރޫޅައިލުން"ކަމަށްވެސް އޭގެ ތެރޭން ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި ޚުދު ރައީސް ނަޝީދުވެސް ވަނީ، އެމްޑީޕީ ރޫޅައިލައްވާނޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ޑިމޮކްރެޓުންގެ "ފިކުރުގެ ބާނީ" ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާގެ އިންސާފު ހޯދައިދިނުން އެއީ އެމީހުންގެ އެންމެ އިސް މަޤުޞަދެވެ. "އެއީ ހަނދާން ނެތޭނެކަމެއް ނޫން. އަދި ހަނދާން ނައްތައެއްވެސް ނުލާނަން" ކަމަށް އެމީހުން ބުނެއެވެ.

އިންތިޚާބުގެ ދެވަނަބުރާ ދޭތެރޭ ޑިމޮކްރެޓުންގެ ވިސްނުން...

މިއީ ޑިމޮކްރެޓުންނަށް ވަރަށް އުނދަގޫ ނިންމުމެކެވެ. ޑިމޮކްރެޓުންނަކީ އެމްޑީޕީގެ ފިކުރުގެ މީހުންނެވެ. އެމްޑީޕީގެ ފިކުރަކީ ވާދަވެރި ޕީޕީއެމްގެ ފިކުރާ ތަފާތު ފިކުރެކެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް ބަލިކުރާން ބޭނުންނަމަ، ޑިމޮކްރެޓުންނަކަށް މާކަ ގިނަ ގޮތްގޮތެއް ނޯންނާނެއެވެ. ދެ ކެނޑިޑޭޓުންތެރޭން އިދިކޮޅު ކެންޑިޑޭޓް އިޚްތިޔާރުކުރުން ނޫންގޮތެއް ނޯންނާނެއެވެ. ހިތާދެކޮޅަށް ނަމަވެސް އެއީ ހަމައެކަނި ޗޮއިސްއެވެ. ވޯޓު ނުލައިފި ނަމަ، އޭގެ ފައިދާ ކުރާނީވެސް ހަމަ ރައީސް އިބްރާހީމަށެވެ. މިއީ ޑިމޮކްރެޓުން ޤަބޫކުރާ ޙަޤީޤަތެވެ.

މިދޭތެރެއަކުން ޑިމޮކްރެޓުންގެ ގިނަ ބަޔަކު އެއްވެ މަޝްވަރާކުރަމުން ދިޔަ އެއްވުމެއްގެ ތެރެއަށް ވަދެލީމެވެ. އެމީހުންގެ ތެރޭގައި އޭރު މަޝްވަރާކުރަމުން ދިޔައީ ޕާޓީން ވަކިގޮތަކަށް ނިންމާފައި ވީ ނަމަވެސް، ޑިމޮކްރެޓުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ތާޢީދު ނުކުރުމަށެވެ. އަދި ޕާޓީން ވަކި ގޮތަކަށް ނިންމާފައި ވަނިކޮށް، ވަކި ކެންޑިޑޭޓަކަށް ތާޢީދުކުރުމަކީ ޕާޓީގެ އަސާސީ ޤަވާއިދާ މަސްލަހަތާ ފުށުއަރާނޭ ކަމަކަށް ނުވާނެތޯއެވެ. މި ބަހުސު ތެރޭގައި، އެތަނުން އެކަކު ތެދުވެ ވާހަކަ ދައްކާން ފެށިއެވެ. 

"އިބްރާހީމަކީ އަހަރެމެން ދަންނަ މީހެއް ނޫން. އަހަރެމެން 2018ގައި އޭނާއަށް ވޯޓު ދިނީ، ރައީސް ނަޝީދު ދެއްކެވި މީހަކަށް ވޯޓުދޭން. އެކަމަކު އާޚިރުގައި ކަންވެގެން ދިޔައީ ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދެވިގެން ދިޔައިރު، އެކަމާ އިބްރާހީމް ކަންބޮޑެއް ނުވި. އެކަމަށް އިންސާފުވެސް ހޯދައެއް ނުދެވުނު،" އެމީހާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. "އެހެންވީމާ މިހާރު އަހަރެމެން ބޭނުމެއް ނުވޭ، ޕާޓީން ނިންމީ ކޮންގޮތެއްތޯ ބަލާކަށް. ޕާޓީވެސް އޮންނާނީ އަހަރެމެން އެންމެން ތިބެގެން. އަދި މެންބަރުންގެ ވިސްނުމާ، ޕާޓީގެ މަގުސަދާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދެވިގެން. އެއީ އިބޫ ނޫންގޮތެއް ހޯދުން،" ކަމަށް އޭނާ ބުންޏެވެ. އެއާއެކު އެތަނުގައި ތިބި ގާތްގަނޑަކަށް 100އަށް ވުރެ ގިނަ މެންބަރުން އެއްފަހާރާހެން އަތްތިލަބަޑިޖާހާ "އިބޫނޫންގޮތެއް" ގޮވާން ފެށިއެވެ. 

ހަމަ އެ ބަހުސުގެ ތެރޭގައި ވާހަކަ ދަައްކާން ތެދުވި އެހެން މީހަކު އޭނާ ދެކޭ ގޮތާ އޭނާގެ ޝުޢޫރުތައްވެސް ބަންޑުންކޮށްލިއެވެ. 

"އަހަރެމެން އެމްޑީޕީން ނުކުމެ، ރަންރީނދޫ ކުލަ ދޫކޮށްލީ އެކުލަ ހަޑިވެގެނެއް ނޫން. ޕާޓީ ގޯސްވެގެނެއްވެސް ނޫން. އެކަމަކު މިހާރު އެ ޕާޓީއާއި ކުލަވެސް އެވަނީ، މާ ދުރުން އައި ބަޔަކު ޙިޞާރުކޮށްފައި. ރައީސް އިބޫގެ އެންމެ ގާތް މީހުންގެ ގޮތުގައި މިހާރު އެތިބީ، އޭރު ރައީސް ނަޝީދަށް އެންމެ ހުތުރުކޮށް، އެންމެ ހަޑިކޮށް މުޙާތަބުކުރި މީހުން. މުޅި އެމްޑީޕީގައި ވަކިހިއްޕާލާފައި އެތިބީ، އެކިތަންތަނުން ފާޅުވެ، އެމްޑީޕީ ހަރާބުކޮށްލާން އައި މީހުން. ރައީސް ނަޝީދުގެ ސީދާ ދުޝްމަނުން. އިބޫއަށް އެމީހުން ކަމުދިޔަޔަސް އަހަރެމެންނަށް އެމީހުންވެސް، އެގޮތްވެސް ކަމަކު ނުދޭ،" ވަރަށް ޖޯޝުގައި އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ބަހުރުވައިން ހީވަނީ އެއީ އައްޑުއަށް ނިސްބަތްވާ މެންބަރެއް ހެންނެވެ. 

"ރައީސް ނަޝީދަށް އިންސާފު ލިބޭން ޖެހޭ. ރައީސް ނަޝީދަށް އެމްޑީޕީތެރޭން ކުރިމަތިކުރި ހުރަސްތައް ހަނދާނެއް ނުނެތޭ. އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއަށް މިހާދުވަސްވީ އިރު އިންސާފު ނުލިބި އޮތީ ބަޔަކު އެގޮތަށް ބޭނުންވާތީ. އަހަރެމެންނަށް އެކަން ނޭނގިގެނެއް ނޫޅެން. ގަދަ ރީނދޫ ކުލައިން މަޑު ނޫކުލައަށް ކުލަ ބަދަލުކުރީކީ މިހެން އަތްއުރާލައިގެން ތިބޭކަށް ނޫން. މިވަގުތު އެންމެ މުޙިއްމު ކަމަކީ ޑިމޮކްރެޓްސްގެ ފުރަތަމަ މަގުޞަދު ޙާސިލުކުރުން. އެއީ ރައީސް ނަޝީދަށް އިންސާފު ހޯދައިދިނުން. އެކަން ކުރެވޭނީ އިބޫނޫންގޮތެއް ހޯދައިގެން. އެގޮތް ހޯދޭނީ މުޢިއްޒަށް ވޯޓުދީގެން. އެންމެން ވޯޓުލާން ދާންވާނެ. ރައީސް ނަޝީދުގެ ޙައްގުގައިވެސް މި ސަރުކާރު މިފަހަރު ބަދަލުކުރަން ޖެހޭ،"

އޭނާގެ ވާހަކައާއެކު ވެސް މުޅި އެ ހޯލްތެރެ ގުގުމާލީ "އިބޫ ނޫންގޮތެއް، އިބޫ ނޫންގޮތެއް" މި އަންބާއިންނެވެ. އިތުރަށް ވާހަކަ ދެއްކި މެންބަރުންގެ ޝުޢޫރުތައްވެސް ހުރީ ހަމަ "އިބޫ ނޫންގޮތެއް" ހޯދުމަށެވެ. ޕާޓީއާއި ޕާޓީގެ އަސާސީ ޤާވާއިދު ސަލާމަތްކުރެވޭނީ ވެސް "އިބޫ ނޫންގޮތެއް" ހޯދައިގެން ކަމެވެ. އަދި އެކަން ކުރެވޭނީ ފުރަތަމަ ބުރުގައި ހުރިހާ ޑިމޮކްރެޓުން ނުކުމެ، ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ވޯޓު ދިންގޮތަށް، ދެވަނަ ބުރުގައި ނުކުމެ ޑރ. މުޙައްމަދު މުޢިއްޒަށް ވޯޓުތައް ދީގެން ކަމަށެވެ. 

"އިބޫ ނޫންގޮތެއް" އެއީ ޑރ. މުޢިއްޒު...!؟

ދަ ޑިމޮކްރެޓްސްގެ އެންމެ މަތިން ފެށިގެން އެންމެ ތިރިއާ ޖެހެންދެންވެސް ކިޔަނީ އެއް ޅެމެކެވެ. އެއް އަންބާއެކެވެ. އެއީ "އިބޫ ނޫންގޮތެއް" ހޯދުމެވެ. ރައީސް ނަޝީދަށް އިންސާފު ހޯދައިދިނުމެވެ. ކޮރަޕްޝަނާ ފަސާދައިން ޤައުމު ސަލާމަތްކުރުމެވެ. ވިއްކާލި ކަނޑުތައް ހޯދުމެވެ. ވެރިކަމުގެ ނިޒާމު އިސްލާހުކުރުމެވެ. މި ސަރުކާރުން ޤާނޫނާ ޤަވާޢިދުތައް މުގުރާލައި ބިންވެރިޔާގެ ނަމުގައި ރައްޔިތުންގެ މެދުގައި އުފައްދަމުންދާ ތަފާތުކުރުމާ ފިތުނަވެރިކަން ނައްތަލައިލުމެވެ. ރައްޔިތުންނަށް ހަމަޖެހޭ ޢަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމެވެ. އެއީ އެމީހުން އެންމެ ނުރުހޭ ސިޔާސީ ލީޑަރާ ގުޅެންޖެހުނަސް ހެޔޮކަމަށް ބަލައިގެންނެވެ. ޑިމޮކްރެޓުންގެ ވިސްނުން ހުރީ މި ވެރިކަން ބަދަލުކުރާށެވެ. ޑިމޮކްރެޓުންގެ ޓީމުތައް މިހާރު ވަނީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒަށް ވޯޓު ހޯދުމުގެ މަސައްކަތް މެކުހަށް ޖަހައިފައެވެ. ސެޕްޓެމްބަރު 30ގައި ހުރިހާ ޑިމޮކްރެޓުން ނުކުމެ ކެންޑިޑޭޓް ނަންބަރު 4 އަށް ވޯޓު އަޅާން ރެޑީވަނީއެވެ. އެމީހުން ޤަބޫކުރާގޮތުން، "އިބޫއަށްވުރެ" މުޢިއްޒުވެސް ރަނގަޅުވާނެއެވެ. އަދި ޑިމޮކްރެޓުންގެ މުސްތަގުބަލެއްވެސް އޮތީ، އެމްޑީޕީ ރޫޅާލައިގެންނެވެ.