ދަ ޑިމޮކްރެޓްސްގެ މެންބަރުން "ފަޅަކަށް" ނަފުސު ވިއްކައި ނުލާނޭ ކަމަށާއި، އެޕާޓީއާ ގުޅުނު މެންބަރު، އެމްޑީޕީއާ ދުރަށް ދިޔައީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަބަބުން ކަމަށް ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއަރ ޕަރސަން، އަދި ހެންވޭރު ހުޅަނގުދާއިރާގެ މެންބަރު ޙަސަން ލަތީފު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ވެސް ކުރީގެ ޗެއަރޕަރސަންކަން ކުރެއްވި ހަސަން މިގޮތަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލެތް) ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވައެވެ. 

ރައީސް އިބްރާހީމަށް ރިޔާސީ ދެވަނަ ދައުރެއް ހޯދައި ދިނުމަށް، އެމްޑީޕީން ގަލޮޅު ކަންމަތީގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ދޮންބިލެތް ވިދާޅުވީ، އެމްޑީޕީ ތެރޭން މިއަދު މިފެންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހީލަތްތެރި ރޭވުމުގެ ދަށުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޖަލަށްލުމުގެ ނަތީޖާ ކަމަށާއި އަދި އެކަން ކާމިޔާބު ވިޔަ ނުދެއްވާނޭ ކަމަށެވެ. އަދި އިންތިޚާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅި ރައީސް އިބްރާހީމް ދެވަނަ ދައުރަކަށް ހޮވަން މަސައްކަތްކުރާނޭ ކަމަށް އޭނާވިދާޅުއެވެ. 

ދޮންބިލެތް ވިދާޅުވީ، "މަޑުމަޑުން ކޮންމެ ދުވަހަކު ޑިމޮކްރެޓްސް ބޭފުޅުން އަންނަމުން އަންނަމުން ގޮސް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ހަފްތާގައި 99 ޕަސެންޓް ޑިމޮކްރެޓްސް ބޭފުޅުން އަޅުގަނޑުމެންނަށް ބަދަލުވާނެ،" ކަމަށެވެ. 

ދޮންބިލެތްގެ މި ވާހަކަތަކަށް ރައްދުދެއްވައި ކުރެއްވި އެކްސް ޕޯސްޓެއްގައި ދަ ޑިމޮކްރެޓްސްގެ މުއައްސިސް ވިދާޅުވީ، "ދަ ޑިމޮކްރެޓްސްގެ މެންބަރުންނަކީ ތިޔަހެން ފަޅަކަށް ނަފުސު ވިއްކާލާ ބައެއް ނަމަ، މި ޕާޓީ ނުއުފެދުނީސްކަން އަހުމަދަށް އޮޅިވަޑައިގަތުމަކީ، އަޅުގަނޑު ހައިރާންވާނޭ ކަމެއް ނޫން،" ކަމަށެވެ. އަދި "ޑިމޮކްރެޓުން އެމްޑީޕީއާ ދުރަށް ދިޔައީ، ރައީސް ޔާމީނުގެ ސަބަބަކުން ނޫން. ރައީސް ސޯލިހުގެ ސަބަބުން" ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާޢީދު ނުކުރާން ޑިމޮކްރެޓްސްއިން ނިންމި ނަމަވެސް، އެޕާޓީގެ ގިނަޢަދަދެއްގެ އެކްޓިވިސްޓުންނާއި އަދި ޕާޓީގެ އިސް ބޭފުޅުންވެސް ގެންދަވަނީ، ވަރަށް ފާޅުގައި "އިބޫނޫންގޮތެއް" ހޯދަން ބޭނުންކަމަށް ގޮވަމުންނެވެ.