ރާއްޖޭގައި ބާއްވާން ފެންނަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ބަލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ މަހުގެ 30ގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް އެންގި އެންގުމާ އެއްގޮތަށް، އޮކްޓޫބަރު 29 ވަނަ ދުވަހު އެ ވޯޓު ނެގުމަށް މަސައްކަތް ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރީން ވަނީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ބޭއްވުމަށާއި އެކަމަށް ތައްޔާރުވުމަށް 40 މިލިއަން ރުފިޔާ ޚަރަދުވާނޭ ކަމަށެވެ. 

އިލެކްޝަން ކޮމިޝަނުން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، "އަޅުގަނޑުމެންނަށް މަޖިލީހުން ނުވަތަ ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފިއްޔާ އެކަމެއް ކުރާނަން،" ކަމަށެވެ.

"ވަގުތު އޮތް މިންވަރަކުން އެކަން ކުރުން އަޅުގަނޑުމެންނަށް އޮތީ،" ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ކޮމިޝަނުން މިހާރު ނިންމާފައި ވަނީ، އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު އިންތިޚާބު ބާއްވަން ކަމަށާއި، އަދި އެކަމަށް ބޭނުންވާ ބަޖެޓް ހަމަޖެހުނުހާ އަވަހަކަށް، ނިޒާމީ ވޯޓަށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ކޮމިޝަނުން ފަށާނެ ކަމަށެވެ. 

އީސީގެ ނައިބުރައީސް އަދި ތަރުޖަމާނު އިސްމާޢީލް ހާބީބު ވިދާޅުވީ، "އަޅުގަނޑުމެން ދަންނަވާފައިވާނެ މަޖިލީހުގައި، ރައްޔިތުންގެ ގާތު އިލެކްޝަންސް ކޮމިޝަނުން އަހަންވީ ކޮން ސުވާލެއްތޯ؟ އެ ސުވާލު ކޮބައިތޯ؟ އެ ސުވާލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ފޮނުއްވައި ދެއްވާށޭ،" މަޖިލީހުގައި ދަންނަވާފައި ވާނޭ ކަމަށެވެ. 

ހަބީބު ވިދާޅުވީ، ރައްޔިތުން ގާތު އަހަން ޖެހޭ ސުވާލާ އެކު އެހެން މައުލޫމާތުވެސް ބޭނުންވާ ކަމަށެވެ. އެގޮތުން، "އެ ސުވާލާ ގުޅިގެން ހުރި ހުއްޖަތްތައް ހުރެދާނެ ވަކި ކޮޅެއްގައި. އޭގައި ހުރި ފައިދާތަކާއި ގެއްލުންތައް، ވޯޓުލާން ދާއިރު އެބަ އެނގެން ޖެހޭ ވޯޓުލާން މި ޖެހެނީ ކީއްވެކަން، އެ މައުލޫމާތު އެނގެން އެބަ ޖެހޭ،" ކަމަށާއި އަދި އެ މައުލޫމާތު ރައްޔިތުންނަށް ހަމައަށް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

ހަބީބު އިތުރަށް ވިދާޅުވީ، ނިޒާމީ ވޯޓާގުޅޭ ކަންކަމަށް ބޭނުންވާ ބަޖެޓް ހަމަޖައްސައި ދިނުމަށްވެސް ރައްޔިތުންގެ މަޖިލީހުގައި މިހާރު އީސީން އެދިފައި ވާނޭ ކަމަށާއި، އަދި އެ ބަޖެޓް ނުލިބިއްޖެ ނަމަ ވޯޓު ކުރިއަށް ނުގެންދެވޭނޭ ކަމަށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވާ އެއް ބޭފުޅަކީ، އެމްޑީޕީގެ ކުރީގެ ލީޑަރު، އަދި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. 

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއްނަގަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވީ ހުޅުދޫ ދާއިރާގެ މަޖްލިސް މެންބަރު އިލްޔާސް ލަބީބެވެ. އަދި މަޖިލީހުގެ ތަޅުމުން ވަނީ، އިލްޔާސްގެ ގަރާރު ފާސްކޮށް، އަންނަ އޮކްޓޫބަރު މަހުގެ 30ގެ ކުރިން ނިޒާމީ ވޯޓް ނަގަން މަޖިލީހުން އީސީއަށް އަންގަން ފާސްކޮށްފައެވެ.