20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކުރިއަށް އޮތް ރޯދަމަހުގެ ފުރަތަމަ 10ގައި ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި އެކަން ޢިއުލާނުކޮށްފިއެވެ. އެގޮތުން "ވިހި24"ގެ ޝިޢާރުގެ ދަށުން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު ތާވަލުކޮށްފައި ވަނީ، 17 މާރޗް 2024ވާ އާދީއްތަ ދުވަހަށެވެ. 

އީސީން ނެރުނު ބަޔާނެއްގައި ބުނީ، މަޖިލިސް އިންތިޚާބު ބާއްވާނެ ތާރީޚެއްގެ ގޮތުގައި މާރޗް 17 ކަނޑައެޅީ، މިފަހަރުގެ އިންތިޚާބު ރަމަޟާން މަހާ ދިމާވާތީއާއި ރަމަޟާން މަހުގެ ފަހުގެ ތާރީޚެއްގައި ބާއްވާނަމަ އިދާރީ ހުރަސްތަކެއް ހުރުމުން ކަމަށެވެ.

މީގެ އިތުރުން މިހާރު އިސްލާހުކޮށްފައިވާ ދިރާސީ ކަލަންޑަރުގައިވާގޮތުން ޢީދު ބަންދަށްފަހު ފެށޭ ހަފުތާއަކީ ސްކޫލްތަކުގެ އިމްތިޚާން ދުވަސްތައް ކަމަށްވުމުން ސްކޫލްތައް ލިބުން ދަތިވެ، ވޯޓުލާ މަރުކަޒުތައް ޤާއިމުކުރުމަށް އެކަށީގެންވާ ތަންތަން ނުލިބޭނެކަމަށާއި، އަދި ރޯދަމަހުގެ ފަހު 10ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، ސަރުކާރުގެ ވުޒާރަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތައް ދިމާވާނެ ކަމަށް ވެސް އީސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މި ހަފުތާގެ އާދީއްތަ ދުވަހު މަޖިލިސް އިންތިޚާބު ބާއްވާނެ ތާރީހު އިއުލާންކުރުމަށް އީސީން ނިންމުމަށްފަހު އިއުލާނުކުރުން ލަސްކުރީ އެމްޑީޕީން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. އެގޮތުން، މަޖިލީހުގެ ކޮމިޓީގެ ލަފަޔާ އެއްގޮތަށް ރޯދަމަހަށްފަހު އިންތިޚާބު ބޭއްވުމަށް އެ ޕާޓީން އެދުނެވެ. އެ ސިޓީއާ ގުޅިގެން އީސީން ވަނީ އެ ޕާޓީއާ ބައްދަލުކޮށް މަޝްވަރާ ކުރައްވާފައެވެ.

އީސީން މަޖިލިސް އިންތިޚާބުގެ ތާރީޚު ކަނޑައެޅުމުގައި އާއްމު ރައްޔިތުންނާއި ކެންޑިޑޭޓުންނަށް އެންމެ ފަސޭހަވާނެ ގޮތްތަކާއި އީސީއަށް އިންތިޒާމު ކުރުމަށް ހުރި ގޮންޖެހުންތަކަށް ބައްލަވާނެކަމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު މީގެ ކުރިން ވިދާޅުވިއެވެ.

އިންތިޚާބު ރަމަޟާން މަހާ ދިމާވާތީ އަވަސް ކޮށްދެއްވުމަށް އީސީން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްސަސާތަކާ ބެހޭ ކޮމިޓީގައި އެދުނެވެ. ނަމަވެސް އެ ކޮމިޓީން ލަފާ އެރުވީ ޤާނޫނުގައި ބުނާ މުއްދަތު ރަމަޟާން މަހަށް ފަހުވެސް ލިބޭތީ، ރަމަޟާން މަސް ނިމުމުން އިންތިޚާބު ބޭއްވުމަށެވެ.

އީސީން ބުނެފައިވާގޮތުން، މަޖިލިސް އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓުވެސް މިއަދު އާއްމު ކުރާނެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. މިއީ މިހަރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 87 ދާއިރާއަށްވުރެ 6 ދާއިރާގެ އިތުރުވުމެކެވެ.

މިފަހަރު އަލަށް މާލެ ސިޓީއަށް 2 ދާއިރާ، އައްޑޫ ސިޓީއަށް ދާއިރާއެއް، ބ އަދި ލ. އަތޮޅަށް ދާއިރާއެއް އަދި ގއ. އަތޮޅަށް ދާއިރާއެއް އިތުރުވެއެވެ.