މުޅި ރާއްޖޭގެ މޫސުން ގޯސްވެ ވިއްސާރަވެ، ވައިގަދަވެ އަދި ކަނޑުގަދަވުމުގެ ސަބަބުން ޢާންމު ދަތުރުފަތުރަށް ބުރޫއަރައި ވޯޓުލުމަށް މީހުން ނިކުތުމަށް ދަތިވާނެތީ، ހޮނިހިރު ދުވަހު ކުރިގެންދިއުމަށް ހަމަޖެހިފައިވާ ބައި- އިލެކްޝަންތަކުގެ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނީ، މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަންގެ ވޯޓުލުމުގެ ވަގުތަށް އެއް ގަޑިއިރު އިތުރުކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. 

"ވޯޓުލުން ނިމޭގަޑި ހަވީރު 5:00 ގެ ނިޔަލަށް އިތުރުކުރުމަށް ކޮމިޝަނުންވަނީ ނިންމާފަ" އެ ކޮމިޝަނުން ބުނެފައިވެއެވެ. 

މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި، އެކި ރަށްރަށަށް އެކިވަރުގެ ގެއްލުންތައް ކުރިމަތިވަމުންދާއިރު، ވެރިރަށް މާލޭގެ ބޮޑުބައެއް ފެންބޮޑުވެ ބައެއް ގޭގެއާއި ފިހާރަ ފަދަ ތަންތަނަށް ވަނީ ފެންވަދެ ގެއްލުންތައް ލިބިފައެވެ. 

ހޮނިހިރު ދުވަހު ބާއްވާ މާލޭ މޭޔަރު އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން:

  • ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝުކޫރު
  • އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް
  • ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ސައިފް ފާތިހު
  • އަމިއްލަގޮތުން ވާދަކުރައްވާ ޕީއެންއެފްގެ ކެންޑިޑޭޓް ކުރީގެ ސީޕީ ހުސައިން ވަހީދު
  • އަމިއްލަ ގޮތުން ވާދަ ކުރައްވާ "ފުރަހަނި" ޝުއައިބު އަލީ