މާލެ ސިޓީގެ މޭޔަރާއި، މާލޭ ސިޓީކައުންސިލުން ހުސްވެފައިވާ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ، އަދި މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓުލުން، ހޮނިހިރު ދުވަހުގެ ހެނދުނު 8:00ގައި ވަނީ ފަށައިފައެވެ. ނަމަވެސް އިންތިޚާބުގެ ވޯޓުލައި ނިންމާން ފުރަތަމަ ކަނޑައެޅި ގަޑި ހަމަވީއިރުވެސް ވޯޓުލާފައި ވަނީ މަދު އިންސައްތައެކެވެ. 

އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުން މެންދުރު ފަހު 16:00އާ ހަމައަށް، މި އިންތިޚާބުގައި ވޯޓު ދީފައި ވަނީ 14،605 މީހުންނެވެ. އެއީ 6.660 އަންހެނުންނާއި 7،945 ފިރިހެނުންނެވެ. މިއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 56،002 މީހުންގެ ތެރޭން 26.08 އިންސައްތަ މީހުންނެވެ. 

މާލެ ސިޓީގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މާލޭ ދަފްތަރަށް ނިސްބަތްވާ ގިނަބަޔަކު ދަނީ، ކުރިއެކޭ އެއްގޮތަށް މިފަހަރުގެ އިންތިޚާބުގައިވެސް އެމީހުން ދިރިއުޅޭ ސަރަހައްދު ނޫން، ދުރު ހިސާބުތަކަށް ވޯޓުލާން މަޖުބޫރުކުރުވާފައި ވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، ވިލިމާލޭގައި ދުވަހަކު ދިރިނޫޅޭ، ނަަމަވެސް މާލެއާއި ހުޅުމާލޭގައި ދިރިއުޅެމުން އަންނަ މީހުން ވިލިމާލޭގައި ބަހައްޓާފައި ހުރި ފޮށްޓަށް ވޯޓުލާން ޖެހޭތީ، މޫސުން ގޯސް މިފަދަ ދުވަސްވަރެއްގައި އެފަދަ ތަކުލީފެއް އުފުލާން ޖެއްސުމުން، އެފަރާތްތަކުގެ ވޯޓުލުމުގެ ޙައްޤަށް ހުރަސްއެޅިފައިވާ ކަމަށާއި އެހެންކަމުން ވޯޓުލާން ދާން ބޭނުން ނުވާކަމަށް ބައެއް މީހުންދަނީ ބުނަމުންނެވެ. 

މާލޭ މޭޔަރު އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން:

  • ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝުކޫރު
  • އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް
  • ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ސައިފް ފާތިހު
  • އަމިއްލަގޮތުން ވާދަކުރައްވާ ޕީއެންއެފްގެ ކެންޑިޑޭޓް ކުރީގެ ސީޕީ ހުސައިން ވަހީދު
  • އަމިއްލަ ގޮތުން ވާދަ ކުރައްވާ "ފުރަހަނި" ޝުއައިބު އަލީ 

މުޅި ރާއްޖޭގެ މޫސުން ގޯސްވެ ވިއްސާރަވެ، ވައިގަދަވެ އަދި ކަނޑުގަދަވުމުގެ ސަބަބުން ޢާންމު ދަތުރުފަތުރަށް ބުރޫއަރައި ވޯޓުލުމަށް މީހުން ނިކުތުމަށް ދަތިވާނެތީ، ހޮނިހިރު ދުވަހު ކުރިގެންދިއުމަށް ހަމަޖެހިފައިވާ ބައި- އިލެކްޝަންތަކުގެ ވޯޓުލުމުގެ ވަގުތުވެސް 5:00 އާ ހަމައަށް އީސީން ވަނީ އިތުރުކޮށްފައެވެ.