2024 މާރިޗު 17 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކޮށް، އެއަށް ޝަކުވާ ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. 

ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ގެޒެޓުކުރުމަށް ފަހު އިލެކްޝަންސް ކޮމިޝަނުން ބުނީ، އެ ކޮމިޝަންގެ ވެބްސައިޓު (www.elections.gov.mv) ގައި އަދި، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާ، ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އެ ލިސްޓު ޢާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ. 

މީގެއިތުރުން (VR space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެކަމަށްވެސް އީސީން ބުނެއެވެ. 

އީސީން ބުނީ، މިހާރު ޢާންމުކޮށްފައިވާ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހަޅާނީ 2024 ޖަނަވަރީ 10 އިން 2024 ޖަނަވަރީ 21 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް ކަމަށާއި އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ކަމަށެވެ. 

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން ކަމަށާއި، މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ. އަދި ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު 284،327 މީހުންނަށް ލިބެއެވެ. އެއީ  139،165 އަންހެނުންނާއި، 145،162 ފިރިހެނުންނެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. މިއީ މިހަރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 87 ދާއިރާއަށްވުރެ 6 ދާއިރާގެ އިތުރުވުމެކެވެ.