ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ކަރުދާހުގައި ފާހަގަޖަހަން ބޭނުންކުރާ ގަލަންތަކުގައި ރަނގަޅަށް ދެލި ހިނގާނޭ ކަމަށާއި އަދި ފާހަގަޖަހަން ފަސޭހަގޮތަކަށް އިންތިޒާމްތައް މިހާރު މުޅިން ބަދަލުކޮށްލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. 

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި، 4835 ވޯޓު ބާތިލް ވޯޓުގެ ގޮތުގައި ގުނާފައިވެއެވެ. އެއީ، އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި 8 ކެންޑިޑޭޓުންގެ ތެރޭން އެންމެ މަދުން ވޯޓު ލިބިވަޑައިގެންނެވި 3 ކެންޑިޑޭޓުންގެ ޖުމުލަ ވޯޓު އެއްކޮށްލުމުން ލިބޭ އަދަދަށްވުރެ ކުޑަތަންކޮޅެއް މަދު ޢަދަދެކެވެ. 

ފުރަތަމަ ބުރުގައި ގިނަ ވޯޓުތަކެއް ބާތިލްކޮށްފައި ވަނީ، އެއް ފާހަގައަށް ވުރެ ގިނައިން ވޯޓު ކަރުދާހުގައި ފާހަގަޖަހާފައި ވާނަމަ ބާތިލުކުރާ އުސޫލުގެ ދަށުންނެވެ. އެގޮތުން ފާހަގަ މަތީގައި އިތުރަށް ފާހަގަ ޖެހުމުގެ ސަބަބުން ގިނަ ވޯޓުތަކެއް ބާތިލްކޮށްފައިވެއެވެ.

އީސީގެ ނާއިބު ރައީސް އަދި ތަރުޖަމާނު އިސްމާޢީލް ހަބީބު މިއަދު މީޑިއާތަކަށް ވިދާޅުވީ، މިފަހަރު ވޯޓުލާން ފަސޭހަކުރުމަށް، ވޯޓު ލާއިރު ވޯޓު ކަރުދާސްކޮޅު ބާއްވާ ތަނުގައި ބްރިސްޓްލް ބޯޑެއް ބާއްވާނޭ ކަމަށެވެ. އަދި މިހާރު ހުންނާނީ ފާހަގަ ޖަހަން ބޭނުންކުރާ ގަލަންތައްވެސް ބަދަލުކޮށްފައި ކަމަށާއި، ދެން ގަލަމުން ދެލި ނުހިނގައިގެން އުޅޭން ނުޖެހޭނޭ ކަމަށެވެ. 

ހަބީބު ވިދާޅުވީ، "މިހާރު ފާހަގަޖަހަން ވަރަށް ފަސޭހަވާނެ، އަޅުގަނޑުމެން ޓެސްޓްވެސް ކޮށްފިން، ފަހަގަލުމުގައި އެއްވެސް މައްސަލައެއް ނުުޖެހޭ،" ކަމަށެވެ.

މީގެ އިތުރުން، ލިބިފައިވާ ޝަކުވާތަކާއި ރަނގަޅުކުރާން ހުށަހަޅާފައިވާ ކަންތައްތަކަށް ބަލައި، ދެވަނަ ބުރުގައި ވޯޓުލާން ބޭނުންކުރާ ބޫތުގެ ޑިޒައިންވެސް މިހާރު ބަދަލުކޮށް ވޯޓުގެ ސިއްރުކަން ކަށަވަރު ކުރެވޭގޮތަށް ބޫތުތައް ތައްޔާރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބާތިލް ވޯޓު މަދުކުރާށާއި ވޯޓުގެ ސިއްރުކަން ހިފެހެއްޓުމަށް ކުރާންޖެހޭ ކަންކަން އިތުރަށް ދެނެގަނެ، އޮފިޝަލުންނާއި މޮނިޓަރުންވެސް މިހާރު ތަމްރީނުކޮށް ހޭލުންތެރިކުރުވާފައި ވާކަމަށް ހަބީބު ވިދާޅުވިއެވެ.