ޤާނޫނުއަސާސީގެ 41 ވަނަ މާއްދާއާއި ލާމަރުކަޒީ ޤާނޫނުގެ 138 ވަނަ މާއްދާއާ ޚިލާފަށް މާލޭން ގޯއްޗާއި ފްލެޓް ދޫކުރުމަށް ހިންގި ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމްގެ އިތުރުން، އަނެއްކާވެސް ހުޅުމާލޭން އިތުރު 6،000 ފްލެޓާއި އަދި ނުއުފަންނަ ތަނަކުން 4،500 އަށް ވުރެ ގިނަ ގޯއްޗަށް އެދުމަށް ވަރަށް އަވަހަށް ހުޅުވައިލާނޭ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވަޢުދެއް ފުއްދުމަށް ކަމަށް ބުނެ، "ވަކި ޝަރުތުތަކެއް ހަމަވާ މާލޭގެ ރައްޔިތުންނަށް" ބަންޑާރަގޯތި ދޫކުރާން ހިންގި ނަސްލީ ތަފާތުކުރުމާއި ބޭއިންސާފުގެ އިންތިހާ ބިންވެރިޔާ ސްކީމަށް ފަހު، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ރައީސް އިބްރާހީމަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާއެކު، ދެވަނަ ބުރުގެ ކެމްޕޭން ޖަލްސާއެއްގައި އެމަނިކުފާނު ވަނީ، އަނެއްކާވެސް، ޝަރުތުތައް ބަދަލުކޮށް، މާލޭގައި ދިރިއުޅޭތާ 20 އަހަރު، ނުވަތަ ދަފްތަރުގައި 20 އަހަރު ވެފައިވާ މީހުންނަށް ކުރިމަތި ލެވޭ ގޮތަށް، އިތުރު ސްކީމެއް ތައާރަފްކުރަށްވާނޭ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. އަނެއްކާވެސް ގާނޫނުއަސާސީއާ ޚިލާފު ޝަރުތުތަކެއް ހިމެނޭގޮތަށް ހިންގަވާން ސްކީމެއް ރައީސް އިއުލާނުކުރެއްވިތާ ދެތިން ދުވަސް ފަހުން، ހައުސިންގ މިނިސްޓްރީން މިވަނީ، އެކަން ތަންފީޒުރާނޭ ޕްލޭން ހާމަކޮށްފައެވެ. 

އަކްރަމް ވިދާޅުވީ، "ބިންތައް ދޫކުރާނެ ތަނެއް ވެސް މިއަދު ނޫނީ މާދަމާ،" ޢިއުލާނުކުރާނޭ ކަމަށާއި، އަދި "ރައީސް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ބިންވެރިޔާ ސްކީމުން ގިނަ ބަޔަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދޭނެ،" ކަމަށެވެ.

ގާނޫނުއަސާސީގެ 41 ވަނަ މާއްދާއާ، އަދި ލާމަރުކަޒީ ގާނޫނުގެ 138 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފަށް މިހާރު ހިންގާފައިވާ ބިންވެރިޔާ ސްކީމުގެ ދަށުން 19،000 އަށް ވުރެ ގިނަ މީހުންނަށް ގޯތި ދޭން ނިންމާފައި ވާއިރު، އޭގެ ތެރޭން، 1،400 ގޯތި ދޫކުރާން ހަމަޖެއްސީ ހުޅުމާލޭންނެވެ.

ގާނޫނުއަސާސީގެ 41 ވަނަ މާއްދާ:

(ށ)

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި، އެއްރަށުން އަނެއްރަށަށް ހިޖުރަކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބިގެންވޭ.

 

(ނ)

އެރަށެއްގައި ދިރިއުޅޭ މީހުންނަށް ލިބިދޭ އެންމެހައި ޚިދުމަތްތަކާއި، އިމްތިޔާޒުތައް ހަމަހަމަކަމާއެކު ލިބިގަތުމުގެ ޙައްޤު އެރަށެއްގައި ވަޒަންވެރިވާ ކޮންމެ ރައްޔިތަކަށް ލިބިގެންވޭ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 138 ވަނަ މާއްދާ:

ތަފާތު ނުކުރުން

މި މާއްދާގައި ބުނެވައި ވަނީ، ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، މި ޤާނޫނަށް ޢަމަލުކުރުމުގައި ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގެ އެއްވެސް ރައްވެއްސަކު އެމީހަކު އުފަންވާ ރަށަކަށް ނުވަތަ ރައްވެހިފެވައިވާ އިދާރީ ދާއިރާއަކަށް ނުވަތަ ދިރިއުޅޭ ރަށަކަށް ނުވަތަ ކުލަޔަށް، ނުވަތަ ޖިސްމަށް، ނުވަތަ ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ މިނޫންވެސް ކަމަކަށް ބަލައި އެއްވެސް ގޮތަކުން ތަފާތުކޮށްގެން ނުވާނެއެވެ. އަދި މިކަން ޔަގީންކުރުމަށްޓަކައި އަންނަނިވި ގޮތަށް ޢަމަލުކުރާން ވާނެއެވެ.

 

(ހ)

އެމީހަކު ރައްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި އެމީހަކު ރަޖިސްޓްރީވެވޭނެ ގެއެއް ނުވަތަ ފްލެޓެއް ހުރި ނަމަ އިތުރު އެއްވެސް ޝަރުތެއް ނެތި އެރަށެއްގެ ރައްވެއްސަކަށް ބަދަލުވުމުގެ ފުރުސަތު އެމީހަކަށް ދިނުން.

 

(ށ)

ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާނަމަ، ދިވެހިރާއްޖޭގެ އިދާރީ ކޮންމެ ދާއިރާއަކުން ނުވަތަ ރަށަކުން ނުވަތަ އަވަށަކުން ނަމަވެސް ދޫކުރުމަށް ޢިއުލާނުކޮށްފައިވާ ގޯތިތަކުގެ ތެރޭން ގޯއްޗެއް ނުވަތަ ފްލެޓެއް ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ދިވެހިރައްޔިތުންނަށް ދިނުން.