ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރާ ގުޅޭގޮތުން، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް، ޓައިމްލައިނާއެކު ބައްލަވައިފިން ކަމަށާއި، އަދި ދެވަނަ ބުރުގައި ކުރިއަށް ވަޑައިގަތުމާ މެދު މިއަދު ގޮތެއް ނިންނަވާނޭ ކަމަށް، މިސަރުކާރުގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު (ބަލަކް) ވިދާޅުވެއްޖެއެވެ. 

މިސަރުކާރުން ޑިމޮކްރަސީ "އޮޅާލައިފި" ކަމަށާއި ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލު ނަގާލައިފި ކަމަށް ބުނެ، ކެމްޕޭނު ތެރޭގައި ޢަލީ ވަހީދު ވަނީ ރައީސް އިބްރާހީމާއި، މިސަރުކާރުގެ ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި، 5460 ވޯޓާއެކު 5 ވަނަ ލިބިވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ނަންބަރު 5 ޤާސިމް އިބްރާހީމްގެ އިންތިޚާބީ އޭޖެންޓް އަދި އިސް ސިޔާސީ މުޝީރަކަށްވެސް ހުންނެވި ޢަލީ ވިދާޅުވީ، "ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އަޅުގަނޑުމެން އެންމެ ކަންބޮޑުވީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަމާ ގުޅޭގޮތުން. ރައްޔިތުންގެ ގިނަބަޔެއްގެ ކަންބޮޑުވުމަކީވެސް އެއީ،" ކަމަށެވެ.

އެހެންކަމުން "ކަމުގެ ހަޤީޤަތް ޓައިމްލައިނާއެކު ބަލައިފިން. އިރާދަފުޅުން މާދަމާ އަޅުގަނޑު ނިންމާ ނިންމުން ހާމަ ކުރާނަން،" ކަމަށް ހުކުރު ދުވަހު އޭނާ ކުރެއްވި އެކްސް ޕޯސްޓެއްގައި ވެއެވެ. 

ދިވެހި ޤައުމާ ރައްޔިތުންގެ ސަފުގައި ދެމި ހުންނާނޭކަމަށް ވިދާޅުވެ، ސެޕްޓެމްބަރު 20 ވަނަ ދުވަހު ޢަލީ ވަހީދުވަނީ ޖުމްހޫރީ ޕާޓީންވެސް ވަކިވެވަޑައިގެންފައެވެ.

ރައީސް އިބްރާހީމް މުޙައްމަދުގެ ސަރުކާރުން ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލައިފި ކަމަށާއި، ދިވެހިރާއްޖޭގެ މާލިއްޔަތު "ކަޅާކޮށްލައިފި" ކަމަށާއި، ބޭރުގެ އަސްރިއްޔާއަކުން ރާއްޖޭގައި ބަނޑަހަޖަހައިގެން އެބަ ތިބި ކަމަށާއި، ރާއްޖޭގެ މިނިވަންކަމާ އިސްތިޤުލާލު ވަނީ ގެއްލިފައި ކަމަށް ބުނެ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕޭން ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ޝިޕުން ވަނީ، ބޮޑެތި ތުހުމަތުތަކެއް ކޮށް، މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. މިސަރުކާރުން ޑިމޮކްރަސީ "އޮޅާލައްވައފި" ކަމަށާއި ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލު ނަގާލައިފި ކަމަށް ބުނެ، ކެމްޕޭނު ތެރޭގައި ޢަލީ ވަހީދު ވަނީ ރައީސް އިބްރާހީމާއި، މިސަރުކާރުގެ ދިފާޢީ ވަޒީރު މާރިޔާއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަދި ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކާ ގުޅިވަޑައި ނުގަތުމަށް، ގާސިމް ނިންމެވުމާ ގުޅިގެން ޖޭޕީގެ އިސްފަޑީގައި ތިއްބެވި ގިނަ ބަޔަކު ދަނީ ރައީސް އިބްރާހީމުގެ ފައިބުޑަށް ވެއްޓި، ކުރީން ދެއްކި ވާހަކަތައް ކެންސަލްކޮށް، ސަރުކާރަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.