ހުޅުމާލޭ މާސްޓަރ ޕްލޭންގެ ދަށުން ޔޮޓްމެރީނާއެއް އަޅަން ކުރީގެ ސަރުކާރުން ނިންމާފައިވާ ސަރަހައްދު، މިސަރުކާރުން ޤާނޫނުއަސާސީއާ ޚިލާފަށް މާލެ ސަރަހައްދުގައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ވަކި ޝަރުތުތަކެއް ހަމަވާ މީހުންނަށް ހިލޭ ގޯތި ބެހުމަށް ހިއްކަން ފަށައިފިއެވެ.
ހުޅުމާލެ ހިންގުމާ ހަވާލުވެފައިވާ އަރބަންކޯއިން ހުކުރުދުވަހު ކުރި އެކްސްއެއްގައި ބުނީ، "ބޯހިޔާވަހިކަމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢު މިއަދު ފަށައިފި،" ކަމަށެވެ.
ހިއްކާން ފެށި ސަރަހައްދަކީ ހުޅުމާލޭގައި ޔޮޓް މެރީނާއެއް ގާއިމުކުރުމަށް ކުރީން ހަމަޖައްސާފައިވާ ސަރަހައްދެވެ. އަދި މީގެ އިތުރުން އެތަން ކުރީން ޕްލޭން ކުރެވިފައިވާ ގޮތާ ޚިލާފަށް ހިއްކާން ނިންމުމުން، އެ ސަރަހައްދުން އަގުބޮޑުކޮށް ބިންތައް ގަނެ، "ބީޗް ފްރަންޓް" އެޕާޓްމަންޓް އަޅާފައިވާ ފަރާތްތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަން ކުށްވެރިކޮށްފައެވެ.
ބިންހިއްކައިގެން މިގޮތަށް ބަންޑާރަ ގޯތި ދޫކުރުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި މިހާރު ކުރާކަމެއް ވެސް ނޫނެވެ. އަދި ޚާއްސަކޮށް ރާއްޖެ ފަދަ ބިމުގެ ދަތިކަން ބޮޑު ތަނެއްގައި ކުރާން ހެޔޮވާވަރު ކަމެއް ނޫންކަމަށްވެސް ކަމުގެ ތަޖްރިބާކާރުން ދެކެއެވެ.
ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެއް ފުއްދުމަަށް ކަމަށް ބުނެ ސަރުކާރުން ގާނޫނުއަސާސީގެ 41 ވަނަ މާއްދާއާ، އަދި ލާމަރުކަޒީ ގާނޫނުގެ 138 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފަށް ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން 19،000 އަށް ވުރެ ގިނަ މީހުންނަށް ގޯތި ދޭން ނިންމާފައި ވާއިރު، އޭގެ ތެރޭން، 1،400 ގޯތި ދޫކުރާން ހަމަޖެއްސީ ހުޅުމާލޭންނެވެ.
ރައީސް ޔާމީނުގެ ސަރުކާރުން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފަހި ކޮށްދިނުމަށް ހިއްކި ހުޅުމާލޭ ފޭސް2ގައި އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ރަނގަޅު މަޝްރޫޢުތަކެއް މިސަރުކާރަށް ހިންގުނު ނަމަ، މިހާރު މާލެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެން ދިޔައީހެވެ. ނަމަވެސް ރައީސް އިބްރާހީމުގެ ސަރުކާރުން ނިންމީ، ދައުލަތުގެ މާލިއްޔަތު އިނދަޖައްސާލައިގެން، މާލެ ސަރަހައްދުގެ ފަޅުތައް ހިއްކައިގެން ދޫކުރާ ގޯތިތަކަކީވެސް "ހަތަރުކަށިމަތި" މާލޭ ރައްޔިތަކަށް ނުވަތަ އެއްވެސް އިރެއްގައި ރާއްޖޭގެ އެހެން ތަނެއްގައި ރަށްވެރިވެފައިވާ ފަރާތަކަށް ގޯތި ނުދިނުމަށެވެ. މިކަމާ ހިތްހަމަ ނުޖެހޭ އެތަކެއް ހާސްބަޔަކު މިފަހަރުގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް ވޯޓު ނުދިނުމުން، ދެވަނަ ބުރުގެ ވޯޓާ ދިމާކޮށް، މިހާރު ވަނީ އުސޫލަށް ކޮންމެވެސްވަރެއްގެ ގަޑުބަޑުކުރުމެއް ގެނެސް މާލޭގައި ދިރިއުޅޭތާ 20 އަހަރު ނުވަތަ ދަފްތަރުގައި 20 އަހަރު ވެފައިވާ ފަރާތްތަކަށް ގޯތި ދޫކުރާން ސްކީމެއް ހައްދަވާނޭކަން ޢިއުލާނުކުރައްވައިފައެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް އާބަންކޯއިން ހަވާލު ކޮށްފައި ވަނީ ކެޕިޓަލް މެރީން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓަޑް (ސީއެމްސީ) ކުންފުންޏާއެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ކުރަނީ ބޮސްކާލިސް ކުންފުނިންނެވެ.
ގާނޫނުއަސާސީގެ 41 ވަނަ މާއްދާ:
(ށ)
ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި، އެއްރަށުން އަނެއްރަށަށް ހިޖުރަކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބިގެންވޭ.
(ނ)
އެރަށެއްގައި ދިރިއުޅޭ މީހުންނަށް ލިބިދޭ އެންމެހައި ޚިދުމަތްތަކާއި، އިމްތިޔާޒުތައް ހަމަހަމަކަމާއެކު ލިބިގަތުމުގެ ޙައްޤު އެރަށެއްގައި ވަޒަންވެރިވާ ކޮންމެ ރައްޔިތަކަށް ލިބިގެންވޭ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 138 ވަނަ މާއްދާ:
ތަފާތު ނުކުރުން
މި މާއްދާގައި ބުނެވައި ވަނީ، ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، މި ޤާނޫނަށް ޢަމަލުކުރުމުގައި ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގެ އެއްވެސް ރައްވެއްސަކު އެމީހަކު އުފަންވާ ރަށަކަށް ނުވަތަ ރައްވެހިފެވައިވާ އިދާރީ ދާއިރާއަކަށް ނުވަތަ ދިރިއުޅޭ ރަށަކަށް ނުވަތަ ކުލަޔަށް، ނުވަތަ ޖިސްމަށް، ނުވަތަ ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ މިނޫންވެސް ކަމަކަށް ބަލައި އެއްވެސް ގޮތަކުން ތަފާތުކޮށްގެން ނުވާނެއެވެ. އަދި މިކަން ޔަގީންކުރުމަށްޓަކައި އަންނަނިވި ގޮތަށް ޢަމަލުކުރާން ވާނެއެވެ.
(ހ)
އެމީހަކު ރައްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި އެމީހަކު ރަޖިސްޓްރީވެވޭނެ ގެއެއް ނުވަތަ ފްލެޓެއް ހުރި ނަމަ އިތުރު އެއްވެސް ޝަރުތެއް ނެތި އެރަށެއްގެ ރައްވެއްސަކަށް ބަދަލުވުމުގެ ފުރުސަތު އެމީހަކަށް ދިނުން.
(ށ)
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާނަމަ، ދިވެހިރާއްޖޭގެ އިދާރީ ކޮންމެ ދާއިރާއަކުން ނުވަތަ ރަށަކުން ނުވަތަ އަވަށަކުން ނަމަވެސް ދޫކުރުމަށް ޢިއުލާނުކޮށްފައިވާ ގޯތިތަކުގެ ތެރޭން ގޯއްޗެއް ނުވަތަ ފްލެޓެއް ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ދިވެހިރައްޔިތުންނަށް ދިނުން.