ސެޕްޓެމްބަރު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓަރީ ކުރަން އެދި ޖުމުލަ 50047 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުނު ކަމަށާއި ނަމަވެސް އޭގެތެރޭން ސައްޙަކަން ކަށަވަރުކުރެވުނީ ޖުމްލަ 38763 ފޯމުކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އަދި ތަރުޖަމާނު އިސްމާޢީލް ޙަބީބު ވިދާޅުވީ، "ރިޔާސީ އިންތިހާބު 2023 ގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅީ 50047. އެއީ އޮންލައިންކޮށް 26011، ފޯމުން 24036." ކަމަށެވެ.

އަދި އެކޮމިޝަނަށް ހުށަހެޅުނު ފޯމުތަކުގެ ތެރޭން، "ސައްހަވީ އޮންލައިން 20902، ފޯމުން 17861، ޖުމްލަ 38763." ކަމަށްވެސް ހަބީބު ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ، "ސައްހަކަން ކަށަވަރު ނުވީ، އޮންލައިން 5109، ފޯމުން 6175، ޖުމްލަ 11284." ކަމަށެވެ. އެގޮތުން "އޮންލައިންކޮށް ސައްހަކަން ކަށަވަރު ނުވި ހުށަހެޅުންތަކުގެ ތެރޭގައި ހިމެނެނީ، ފޮޓޯއިން މީހާ ކަށަވަރު ނުވުމާއި، މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓް ހުށަހެޅުމާއި، ދެ ނިޒާމުން ތަކުރާރުކޮށް ހުށަހެޅުން" ކަމަށްވެސް ހަބީބު ވިދާޅުވިއެވެ. 

މީގެ އިތުރުން، "ފޯމުގެ ސައްހަކަން ކަށަވަރު ނުވި ސަބަބުތަކުގެ ތެރޭގައި ހިމެނެނީ، ފިންގަރޕްރިންޓް ނެތުމާއި، ހެކިންގެ މައުލޫމާތު ދިމާ ނުވުމާއި، ގުޅާނެ ފޯނު ނަންބަރެއް ނެތުމާއި، މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓް ހުށަހެޅުމާއި، ދެ ނިޒާމުން ތަކުރާރުކޮށް ފޯމު ހުށަހެޅުން،" ހިމެނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި  "ސައްހަކަން ކަށަވަރު ނުވި ހުށަހެޅުންތަކަށް ވެސް، ސައްހަކަން ކަށަވަރު ކުރުމަށް ކޮމިޝަނުން ކޮށްދެވެން އޮތް ހުރިހާ ފުރުސަތެއް ފަހިކޮށް ދެވުނު،" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ، ކުރިޔަށް މިއޮތް 2 ދުވަހުގެ ތެރޭގައި (ހުކުރު ދުވަހާއި ހޮނިހިރު ދުވަހު)، ކޮންމެ ބޭފުޅަކުވެސް އެބޭފުޅަކު ރީ-ރަޖިސްޓަރީ ވެފައިވަނީ ކޮންތަނަކަށްތޯ ކަށަވަރު ކުރެއްވުމަށް ފަރުދީ ޒިންމާ އަދާކުރެެއްވުމަށް އިލްތިމާސްކޮށްފައެވެ.