ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވަޢުދުތަކަށް ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑް) ފާޑުކިޔައިފިއެވެ.
ކުރީން އެމްޑީޕީގައި ވަރަށް ޚަރަކާތްތެރިކޮށް އުޅުނު މެޒޯއަކީ މިހާރު އެމްޑީޕީ ރޫޅި، އަލަށް އުފެދުނު ދަ ޑިމޮކްރެޓްސްގެ މެންބަރެކެވެ. އެގޮތުން އޭނާ ވަނީ، ދަ ޑިމޮކްރެޓްސްއިން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވަކިކޮޅެއް ނުނަގާން ނިންމުމުން، އޭނާ ބޭނުންވަނީ، "އިބޫއައުޓް" ކަމަށް ބުނެފައެވެ.
ދެވަނަ ބުރުގައި ރައީސް އިބްރާހީމް ވެވަޑައިގަންނަވަމުން އަންނަ ވަޢުދުތަކާ ގުޅުވައިގެން މިސާލުޖަހަމުން މެޒޯ އޭނާގެ އެކްސްގައި ލިޔެފައި ވަނީ، މިހާރު ރައީސް އިބްރާހީމްގެ ވަޢުދުތައް ހުރިގޮތުން، ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް ހޮވިއްޖެ ނަމަ، ދިވެހީންގެ ތެރޭން 32 ދަތް ވެއްޓޭ ކޮންމެ މީހެއްގެ އަނގައިގަ 64 ދަތް ހުންނާނޭ ކަމަށެވެ.
"ވެއްޓޭ ކޮންމެ ދަތަކަށް ދެ ދަތް ޖަހައިދޭނަން... #އިބޫވައުދު... ނަތީޖާއަކީ 64 ދަތް..." އޭނާގެ ޕޯސްޓުގައި ވެއެވެ. ކިނބުލުގެ އަނގައިގައިވެސް ހުންނަނީ 64 ދަތްކަން ފާހަގަކޮށްލާން ޖެހެއެވެ.
މެޒޯ އަންނަނީ، ރައީސް އިބްރާހީމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން، "ދަ ޑިމޮކްރެޓްސްގައި ތިބީ އެމްޑީޕީ ފިކުރުގެ މީހުން،" ކަމަށާއި ގާތްގަޑަކަށް ޑިމޮކްރެޓްސްގެ އެއްމެންގެ ތާއީދު ލިބިފައިވާ ކަމަށް ރައީސް އިބްރާހީމް ވިދާޅުވުމުން، "ބޮޑު ދޮގެއް، ގާތަަށްވެސް ތާޢީދު ނުލިބޭނެ،" ކަމަށް އޭނާ ވަނީ ބުނެފައެވެ.