ޢުމުރުން 65 އަހަރުވުމުން ދައުލަތުން ހަމަޖައްސައިދީ ބޭސިކް ޕެންޝަން އެލަވަންސް 5،000 ރުފިޔާއިން 7،000 ރުފިޔާއަށް ބޮޑުކުރައްވާނޭ ކަމަށް އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކޭމްޕޭންގައި ހުކުރުވިލޭރޭ، މާވެޔޮމަގުގައި ހުންނަ އެމްޑީޕީ "ހުވަދޫ ޖަގަހަ"ގައި ސަޕޯޓަރުންނާ ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހީމް ވިދާޅުވީ، 65 އަހަރު ވުމުން ލިބޭ އެލަވަންސް ކުޑަކަމަށް ބުނެ ކެމްޕޭން ތެރޭގައި އެމަނިކުފާނާ ބައްދަލުވި ވަރަށް ގިނަ ފަރާތްތަކެއް ކަންބޮޑުވުން ފާޅުކުރައްމުން ގެންދާ ކަމަށެވެ. 

އެހެންކަމުން ރައްޔިތުންގެ ކަންބޮޑުވުމަށް، ހައްލު ހޯއްދަވައި ދެއްވާނޭކަމުގެ ވަޢުދާއެކު، އެލަވަންސް ބޮޑުކުރައްވާނޭ ވަކި ތާރީޚެއް ހާމަނުކުރައްވައި، ރައީސް ވިދާޅުވީ، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް 5،000 ރުފިޔާގެ ބަދަލުގައި 7،000 ރުފިޔާއަށް އެލަވަންސް ބޮޑުކުރާން މިހާރު ނިންމަވާފައިވާ ކަމަށެވެ. 

ސަރުކާރުގެ ޕެންޝަން ސްކީމްގެ ތެރޭން އެލަވަންސް ލިބޭ މީހުންގެ ޢަދަދު މިހާރުވެސް 20 ހާހުން މަތިވާނެއެވެ. އެގޮތުން މިހާރުވެސް ގާތްގަނޑަކަށް 102.97 މިލިއަން ރުފިޔާ އަހަރެއްގެ މައްޗަށް ޚަރަދުވާނެއެވެ. އަދި 7،000 ރުފިޔާއަށް އެލަވަންސް ބޮޑުކޮށްފި ނަމަ އެ އަދަދު 140 މިލިޔަނަށްވުރެ މައްޗަށް ދާނެއެވެ.