17 އަހަރު ވާންދެން އުޅުނު ޕާޓީ ދޫކޮށްލާން ޖެހުނީ، ވެރިކަމުގެ ލައްޒަތަށްޓަކައި އެމްޑީޕީގެ އަސާސްތައް ދޫކޮށްލުމުން ކަމަށް އެޕާޓީން ވަކިވެ، އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްއާ ގުޅުނު، ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަލީ ހާޝިމް (ސުމިތު) ވިދާޅުވެއްޖެއެވެ. 

ސުމިތު ސަރުކާރުގެ މަގާމުން ވަކިކުރީ، އޭނާ އެމްޑީޕީން ވަކިވެ، ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން އުފެއްދި ދަ ޑިމޮކްރެޓްސްއާ ގުޅުމުންނެވެ. 

އޭގެ ފަހުން ސުމިތު އަންނަނީ ސަރުކާރަށާއި އަދި ރައީސް އިބްރާހީމަށްވެސް ވަރަށް ބޮޑަށް ފާޅުކިޔަމުންނެވެ. އެގޮތުން އޭނާ ކުރެއްވި އެކްސްއެއްގައި ވިދާޅުވީ، "17އަހަރު ވާންދެން އުޅުނު ޕާޓީ [އެމްޑީޕީ] ދޫކޮށް ދަ ޑިމޮކްރެޓްސްއަށް ދިޔައީ ސަބަބުތަކެއް ނެތިއެއްނޫން،" ކަމަށެވެ.

"ސިޔާސީ ކަންކަމުގައި އެތަށް ސަތޭކަ ފަހަރު ހަޔަރުކުރި"ކަން ފާހަގަކުރައްވައި، ސުމިތު ވިދާޅުވީ އެމްޑީޕީން ވަކިވީ، "ވެރިކަމުގެ ލައްޒަތަށްޓަކައި އެމްޑީޕީގެ އަސާސްތަށް ދޫކޮށްލުމުން،" ކަމަށެވެ.

އޭގެ އިތުރުން މަރުތަކުގެ އިންސާފް ނުހޯދުމާއި، ވައްކަން އޯކޭ ވުމާއިއަދި ރައީސް ނަޝީދުމަރާލަން ދެވުނު ހަމަލާއާ ގުޅިގެން ސަރުކާރުން ޢަމަލުކުރިގޮތް އެއީވެސް އެއީ އޭނާ އެމްޑީޕީން ވަކިވާން ޖެހުނު ސަބަބުތަކުގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.