ރާއްޖޭގައި ބާއްވާން ފެންނަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ބަލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ މަހުގެ 30ގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް އަންގައިފިއެވެ. 

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކޮށް، 7 އިންސައްތަ ވޯޓާއެކު 3 ވަނަ ހޯއްދެވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މަޖްލިސް މެންބަރު އިލްޔާސް ލަބީބު ވަނީ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއްނަގަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފައެވެ. އަދި މަޖިލީހުގެ ތަޅުމުން ވަނީ، އިލްޔާސްގެ ގަރާރު ފާސްކޮށް،  އަންނަ އޮކްޓޫބަރު މަހުގެ 30ގެ ކުރިން ނިޒާމީ ވޯޓް ނަގަން މަޖިލީހުންއ އީސީއަށް އަންގަން ފާސްކޮށްފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީއާއި އެޕާޓީ ރޫޅާލައިގެން އުފެއްދި ދަ ޑިމޮކްރެޓްސްގެ މެންބަރުން ހިމެނޭ ގޮތަށް 35 މެންބަރަކު ވަނީ ޤަރާރު ފާސްކުރާން ވޯޓު ދެއްވައިފައެވެ. 

ރިޔާސީ އިންތިޚާބުގައި ވާދަކޮށް، ޑިމޮކްރެޓުން ދެވަނަ ބުރަށް ނުދިއުމުން އެޕާޓީން ތާއީދުކުރާނީ ކޮން ކެންޑިޑޭޓަކަށްތޯ ބެލުމަށް، ބޭއްވި އިންޓެރިމް ކައުންސިލް ބައްދަލުވުމުގައި ނިންމާފައި ވަނީ، މި މަހުގެ 28ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް 20 ވަނަ ދުވަހުގެ ކުރިން އެމްޑީޕީން އެއްބަސްވާނަމަ އެ ޕާޓީއާއެކު މަޝްވަރާކުރުމަށެވެ. އަދި ޕީޕީއެމްއާ އެކު ސަރުކާރު އުފެއްދުމަށްޓަކައި، އެ ސަރުކާރުގައި ޑިމޮކްރެޓްސްއިން ހިއްސާވާ މިންވަރާއި، އެ ސަރުކާރުގައި އެ ޕާޓީގެ ސިޔާސަތުތައް ހިމެނޭނެ މިންވަރު ބަޔާންކުރާ ލިޔުމެއްގައި 20 ވަނަ ދުވަހުގެ ކުރިން ސޮއިކުރަން އެއްބަސްވާ ނަމަ މަޝްވަރާކުރުމަށެވެ. 

"މިއިން އެއްވެސް ކަމަކަށް އެ ދެ ޕާޓީން އެއްބަސްނުވާނަމަ، ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކުރުމަށް،" ދަ ޑިމޮކްރެޓްސް އިން ވަނީ ނިންމައިފައެވެ. އަދި ނިމިގެން ދިޔައީވެސް އެގޮތަށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވާ އެއް ބޭފުޅަކީ، އެމްޑީޕީގެ ކުރީގެ ލީޑަރު، އަދި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.