ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ޢިޝާރާތްކުރައްވައި، ދެވަނަ ހާފުގައި ސްޓްރެޓެޖީ އެއްކޮށް ބަދަލުކޮށް، ލަނޑަކަށް ފަހު ލަނޑެއް ޖައްސަވާނޭކަމަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެފައި ވަނިކޮށް، އެފްއޭއެމްގެ ކުރީގެ ރައީސް އަދި ދަނގެތި ދާއިރާގެ ކުރީގެ މަޖްލީސް މެންބަރު އިލްހާމް އަޙްމަދުވެސް ރައީސް އިބްރާހީމަށް ތާޢީދުކުރަން ނިންމަވައި އެކަން އިޢުލާނުކުރައްވައިފިއެވެ. 

މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުރެ ރިޝްވަތު ހިފައި، ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި، ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ހައްޔަރުކުރި، ގެމަނަފުށީ ދާއިރާގެ ކުރީގެ މެންބަރު، އަދި މިހާރު ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އިލްހާމް ވިދާޅުވީ، "ޤައުމު މިއަދު މިއޮތް ހާލަތަށް ބަލައި، އަނިޔާވެރިކަމާއި ބަދަލުހިފުމުގެ ރޫހު މާޒީން ފެނިފައިވާތީ، އަދި ބަދަލު ހިފުމުގެ ގޮތުން ކަންކަން ކުރާނެކަމަށް މިހާރުވެސް ބުނަމުންދާތީ، އެފަދަ ބަޔަކު ވެރިކަމަށް އައިސްފިނަމަ ނުކުންނާނެ ނަތީޖާއާމެދު ވިސްނައި، ސިޔާސީ ބޭފުޅުންނާއި އަދި އެހެނިހެން ފަރާތްތަކާ މަޝްވަރާކުރުމަށްފަހު، ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމަށް މިވަގުތު އިންތިޚާބު ކުރަން އެންމެ އެކަށޭނެ އަދި ޤާބިލް ބޭފުޅަކީ މިހާރުގެވެސް ރައީސުލް ޖުމްހޫރިއްޔާ އޮނަރަބްލް އިބްރާހީމް މުޙައްމަދު ސޯލިޙުކަމަށް އަޅުގަނޑަށް ފެންނާތީ، ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް އަށް ތާއީދުކުރަން އަޅުގަނޑު ނިންމައިފިން،" ކަމަށެވެ. 

އޭނާ ވިދާޅުވީ، "އިބްރާހީމް މުޙައްމަދު ސޯލިޙް ވަނީ ފާއިތުވެމިދާ ރިޔާސީ ދައުރުގައި، ޤައުމު ހަލަބޮލި ނުކޮށް، ސުލްހަވެރިކަމާއިއެކް ވެރިކަން ކުރެއްވޭނެކަން ސާބިތުކޮށްދެއްވާފައި،" ކަމަށާއި "ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގަން ފުރުޞަތު ދެއްވައިގެން ވެސް ވެރިކަން ކުރެއްވިދާނެކަން ދައްކަވާފައި،" ވާ ކަމަށެވެ. 

ޖުމްހޫރީ ޕާޓީން މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކުރާން ނިންމުމުން އެޕާޓީގެ އިސް ސަފުގައި ތިބި ބައެއް ބޭފުޅުން ދަނީ ރައީސް އިބްރާހީމްގެ ޓީމާ ގުޅެމުންނެވެ. އޭގެ ތެރޭގައި ކުރީގެ މަޝްހޫރު ފީފާ ސަރޓިފައިޑް ފުޓްބޯޅަ ރެފްރީ، އަދި ވިލުފުށީ ދާއިރާގެ ކުރީގެ މަޖްލީސް މެންބަރު ރިޔާޒު ރަޝީދު ވެސް ހިމެނެއެވެ. 

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި، 22،000އަށް ވުރެ ގިނަ މެންބަރުން ތިބި ޖުމްހޫރީ ޕާޓީން ވާދަކުރެއްވި ޤަސީމް އިބްރާހީމަށް ލިބިވަޑައިގަތީ، އެންމެ 5460 ވޯޓެވެ. އެއީ ވޯޓު ލީ މީހުންގެ 2.47 އިންސައްތައެވެ. 

ޖުމްހޫރީ ޕާޓީން ވަނީ، މިފަހަރުގެ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކުރަން ނިންމައިފައެވެ. ނަމަވެސް އެޕާޓީގެ ލީޑަރު ޤާސިމް ވަނީ، ޕާޓީގެ ނަން ބޭނުން ނުކޮށް، އެ މެންބަރަކު ބޭނުން ކެންޑިޑޭޓަކަށް ތާޢީދުކުރުމުގެ ހައްގު ހުރިހާ މެންބަރުންނަށްވެސް އޮތް ކަމަށް ވިދާޅުވެފައެވެ.