ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ޢިޝާރާތްކުރައްވައި، ދެވަނަ ހާފުގައި ސްޓްރެޓެޖީ އެއްކޮށް ބަދަލުކޮށް، ލަނޑަކަށް ފަހު ލަނޑެއް ޖައްސަވާނޭކަމަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެފައި ވަނިކޮށް، ކުރީގެ މަޝްހޫރު ފީފާ ސަރޓިފައިޑް ފުޓްބޯޅަ ރެފްރީ، އަދި ވިލުފުށީ ދާއިރާގެ ކުރީގެ މަޖްލީސް މެންބަރު ރިޔާޒު ރަޝީދު ރައީސް އިބްރާހީމަށް ތާޢީދުކުރަން ނިންމަވައި އެކަން އިޢުލާނުކުރައްވައިފިއެވެ. 

ރައީސް އިބްރާހީމާއެކު ނަންގަވާފައިވާ ފޮޓޯއެއް އެކްސްގައި ހިއްސާކުރައްވަމުން ރިޔާޒް ވިދާޅުވީ، ""ހާއްސަ މަޖިލިހުގަ އާއި ރައްޔިތުންގެ މަޖިލިހުގައި އަޅުގަނޑާ އެކު އިސްލާހީ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުގެ އަހު އިބްރާހިމް މުހައްމަދު ސޯލިހަށް މި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދުކުރަން އަޅުގަނޑު ނިންމައިފިން،" ކަމަށެވެ.

ރިޔާޒަކީ، ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ. އަދި އޭނާއަކީ އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ސްޕެޝަލް ޕޮލިޓިކަލް އެޑްވައިޒަރެއްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. 

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި، 22،000އަށް ވުރެ ގިނަ މެންބަރުން ތިބި ޖުމްހޫރީ ޕާޓީން ވާދަކުރެއްވި ޤަސީމް އިބްރާހީމަށް ލިބިވަޑައިގަތީ، އެންމެ 5460 ވޯޓެވެ. އެއީ ވޯޓު ލީ މީހުންގެ 2.47 އިންސައްތައެވެ. 

ޖުމްހޫރީ ޕާޓީން ވަނީ، މިފަހަރުގެ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކުރަން ނިންމައިފައެވެ. ނަމަވެސް އެޕާޓީގެ ލީޑަރު ޤާސިމް ވަނީ، ޕާޓީގެ ނަން ބޭނުން ނުކޮށް، އެ މެންބަރަކު ބޭނުން ކެންޑިޑޭޓަކަށް ތާޢީދުކުރުމުގެ ހައްގު ހުރިހާ މެންބަރުންނަށްވެސް އޮތް ކަމަށް ވިދާޅުވެފައެވެ.