ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކުރާން، ފުރަތަމަ ބުރުން 3 ވަނަ ހޯދި ދަ ޑިމޮކްރެޓްސް އިން ނިންމައިފިއެވެ. 

ދަ ޑިމޮކްރެޓްސްއިން ބުނީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެޕާޓީން ކުރިއަށް ދާނޭ ގޮތަކާ މެދު 18 ސެޕްޓެމްބަރުގައި އެ ޕާޓީގެ އިންޓަރިމް ކައުންސިލުން ނިންމާފައިވާ ގޮތުގެ މަތީން، 20 ސެޕްޓެމްބަރާ ހަމައަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި އެމްޑީޕީންވެސް އެއްބަސް ވެފައި ނުވާކަމަށެވެ. 

އެހެންކަމުން، "ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން އެއްވެސް ޕާޓީއަކަށް ތާޢީދު ނުކުރުމަށް ނިންމާފައިވާ،" ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ހޯމަދުވަހުގެ ރޭ ބޭއްވި ޑިމޮކްރެޓްސްގެ ކައުންސިލް ބައްދަލުވުމުގައި ވަނީ، މި މަހުގެ 28ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް އަންނަ ބުދައިގެ ކުރިން އެމްޑީޕީން އެއްބަސްވާނަމަ އެ ޕާޓީއާއެކު މަޝްވަރާކުރުމަށެވެ. އަދި ޕީޕީއެމްއާ އެކު ސަރުކާރު އުފެއްދުމަށްޓަކައި، އެ ސަރުކާރުގައި ޑިމޮކްރެޓްސްއިން ހިއްސާވާ މިންވަރާއި، އެ ސަރުކާރުގައި އެ ޕާޓީގެ ސިޔާސަތުތައް ހިމެނޭނެ މިންވަރު ބަޔާންކުރާ ލިޔުމެއްގައި އަންނަ ބުދަ ދުވަހުގެ ކުރިން ސޮއިކުރަން އެއްބަސްވާ ނަމަ މަޝްވަރާކުރުމަށެވެ. 

"މިއިން އެއްވެސް ކަމަކަށް އެ ދެ ޕާޓީން އެއްބަސްނުވާނަމަ، ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކުރުމަށް،" ދަ ޑިމޮކްރެޓްސް އިން ވަނީ ނިންމައިފައެވެ. 

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވާ ހޮނިހިރު ދުވަހުއެވެ. ވާދަކުރައްވާނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި ޑރ. މުޙައްމަދު މުޢިއްޒެވެ.