އެމްޑީޕީ ދެ ފަޅިވެ، އެއިން ނުކުތް "ފިކުރެއްގެ ދިރުން" އިން އަލަށް އުފަންވި ދަ ޑިމޮކްރެޓްސްއާ ގުޅުނު ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ ހުރިހާ މެންބަރުން މަޖިލީހުގެ ދަފްތަރުގައި ހިމެނުމާ އެކު، އެ ޕާޓީ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށްވެއްޖެއެވެ.

މީގެ ކުރީން މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތީ، 3 މެންބަރުންނާއެކު ޕީޕީއެމްއެވެ.  މައިނޯރިޓީ ލީޑަރަކަށް ހުންނެވީ، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެމްޑީޕީން ވަކިވެ، 13 މެންބަރަކު ދަ ޑިމޮކްރެޓްއާ ގުޅިވަޑައިގެން އެކަން ރަސްމީކޮށް މަޖިލީހަށް އަންގަވާފައިވާ ކަމަށާއި މިހާރު އެ މެންބަރުން މަޖިލީހުގެ ދަފްތަރުގައި ހިމަނައިފައިވާ ކަމަށެވެ. އަދި އެ ޕާޓީގެ ޕީޖީ ގްރޫޕް ލީޑަރަކަށް މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް އިންތިޚާބުކޮށްފައިވާތީ މިހާރު މައިނޯރިޓީ ލީޑަރަކީ ޢާޒިމެވެ. 

މަޖިލީހުގައި މެންބަރުން ޕާޓީތައް ތަމްސީލުކުރާ ގޮތަށް ބަލާއިރު، 56 މެންބަރުންނާއެކު މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. 13 މެންބަރުންނާއެކު ޑިމޮކްރެޓްސް އޮތްއިރު، ޕީޕީއެމްގެ 3 މެންބަރުން، ޕީއެންސީގެ 3 މެންބަރުން، އެމްއެންޕީގެ 3 މެންބަރުން، އެމްޑީއޭގެ 2 މެންބަރުން، ޖޭޕީ 2 މެންބަރުން އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ 3 މެންބަރުން އެބަ ތިއްބެވެ.