07 އޮގަސްޓް 2008ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް ތަސްދީޤުކުރެއްވި "ފެހި" ޤާނޫން އަސާސީން، އޭގެ ކުރީން ދިވެހީންނަށް ނުލިބިއޮތް ގިނަގުނަ ހައްގުތަކެއް ކަށަވަރު ކުރެވިގެންދިޔައެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ހުޅުވައިލެވުނެވެ. ފަރުދީ މިނިވަންކަމާއި، އަސާސީ ހައްގުތައް ކަށަވަރުކުރާމާއިއެކު ގިނަ ސިޔާސީ ޕާޓީތައް ޙަރަކާތްތެރިވެވޭ ގޮތަށް ޒަމާނީ ޑިމޮކްރަސީއަކަށް މުޅި ޤައުމު ފުރޮޅާލީ މިހާރުވެސް މިއަމަލުކުރަމުންދާ ފެހި ގާނޫން އަސާސީއިންނެވެ. ދައުލަތް ހިންގުމުގެ ތިން ބާރު ވަކިކޮށް، އެއް ބާރުން އަނެއް ބާރު ޒިންމާދާރު ކުރެވޭނެ ނިޒާމަކަށް ދައުލަތް ބައްޓަން ކުރެވުނެވެ. އަދި ހަމަ އެއާއެކު ފުރަތަމަ ފަހަރަށް ގިނަ ސިޔާސީ ޕާޓީތަކަށް ވާދަކުރެވޭގޮތަށް 2008ގައި ރިޔާސީ އިންތިޚާބު ބާއްވައި، އެ އިންތިޚާބު ކާމިޔާބުކުރެއްވީ ދެވަނަބުރަކަށްގޮސް ފުރަތަމަ ބުރުގައި ދެވަނައަށް އެންމެ ގިނަ ވޯޓުހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު އިންތިޚާބުގައި އޭރުގެ ސަރުކާރާ އިދިކޮޅު ހުރިހާ ކެންޑިޑޭޓުން އެއްގަލަކަށް އަރުވައިގެން "ވަތަން އެދޭ ގޮތަށް" ކޯލިޝަން ހަދައިގެންނެވެ.

ފެހި ޤާނޫން އަސާސީ އެކުލަވާލުމަށް އެކުލަވާލެވުނު "ރައްޔިތުންގެ ޚާއްސަ މަޖްލިސް" އިން މިރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ރައްޔިތުން ގާތު ސުވާލުކުރިއެވެ. މި ރެފަރެންޑަމުން 62 އިންސައްތަ ރައްޔިތުން ވޯޓުލީ ރިޔާސީ ނިޒާމެއް އޮންނަން ފެންނަ ކަމަށެވެ. މީގައި ފާހަގަކޮށްލަންޖެހޭ މުހިންމު ދެނުކުތާއެއް ވެއެވެ. ފުރަތަމަ ނުކުތާއަކީ، 2007 ގައި ނިޒާމީ ވޯޓު ނެގުނު އިރު ރައީސް ކަމުގައި 29 ވަނަ އަހަރު ގުނަމުންދިޔަ ރައީސް މައުމޫނު ތާއީދުކުރެއްވީ ރިޔާސީ ނިޒާމަކަށް ކަމެވެ. ދެވަނަ ނުކުތާއަކީ "ކުޑަކާފު ބޮޑުކާފު" ވޯޓުލުމުގެ ޘަގާފަތެއް މުޅިރާއްޖޭގައި އޮތްކަމާއި، ރައީސް މައުމޫންގެ އާރާއި ބާރު އޭރު ނުހަނު ވަރުގަދަކަމެވެ. އެހެންކަމުން، އޭރުގެ ޙާލަތަށް ބަލާއިރު، "އިދިކޮޅުން" ކެމްޕޭނުކުރަމުންދިޔަ ބަރުލަމާނީ ނިޒާމަށް ލިބުނު %37.96 ވޯޓަކީ ނުވަތަ ވޯޓުލީ 155،890 މީހުންގެތެރެއިން 58،504 މީހުނަކީ ނުހަނު ބޮޑު ޢަދަދެކެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާރު ވޯޓުލިބުމުގެ ހައްގުލިބިފައިވާ 282،395 ދިވެހިން އެބަތިއްބެވެ. މިއީ 2007 ގެ ނިޒާމީ ވޯޓުގައި ބައިވެރިވި 155،890 މީހުންގެ އިތުރުން 126،504 މީހުނެވެ.އިލކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާރު ވޯޓުލިބުމުގެ ހައްގުލިބިފައިވާ 282،395 ދިވެހިން އެބަތިއްބެވެ. މިއީ 2007 ގެ ނިޒާމީ ވޯޓުގައި ބައިވެރިވި 155،890 މީހުންގެ އިތުރުން 126،504 މީހުނެވެ.

ޤައުމުގެ ހާލަތު ބަދަލުވެއްޖެ، ރައްޔިތު މީހާގެ ހާލަތު ބަދަލެއް ނުވި...

ކަންމިހެންއޮތްއިރު، ފެހިޤާނޫން އަސާސީއަށް ފަނަރަ އަހަރުފުރި، އޭގެ ދަށުން ހަތަރު ރައީސުންގެ ޒަޢާމަތު އަޅުގަނޑުމެން ތަޖުރިބާކޮށްފީމެވެ. ދައުލަތް ހިންގުން ދަނީ ދުވަހަށްފަހު ދުވަހެއް ދަށަށެވެ. ދަރަނި ވަނީ ބޮޑެވެ. ވެރިންގެ ޖީބުތަކަށް ޙަލާލު އުޖޫރަ އެޅުމުގެ ބަދަލުގައި މިލިއަނުން ޑޮލަރު އަޅާކަމީ އަދުގެ ޙަގީގަތެވެ. ދައުލަތުގެ ބަޖެޓް އެތައްގުނައަކުން ބޮޑުވެ، ނިސްބަތުން ބޮލަކަށްޖެހޭ އާމްދަނީ އިތުރުވިއަސް، ފަރުދީ ތަނަވަސްކަމެއް އާންމުރައްޔިތުމީހާއަށް ނުލިބެއެވެ. އާމްދަނީގެ ފަރަގު އެހައި ބޮޑެވެ. ޖުމްލަކޮށް ދަންނަވާނަމަ، ޤާނޫން އަސާސީ އަދި ވެރިކަމުގެ ނިޒާމުން ނުވަތަ ސަރުކާރަކުން ދިވެހީން އުންމީދުކުރި އާރޯކަމުގެ ބައިކުޅަބައިވެސް ނުލިބޭކަމީ ދެބަސްވެވެން ނެތްކަމެކެވެ. ބޮޑުންނާއި ގުޅިގެން ރޯމާދުވާލު ދައުލަތުގެ ޚަޒާނާއިން ވައްކަންކުރުމުކީ އާދައިގެ "ފެޝަނަކަށް" ވެއްޖެއެވެ. ސުވާލަކީ މީގެ ސަބަބަކީ ކޮބައިތޯއެވެ. މިސުވާލުގެ ޖަވާބު ހޯދުމަކީ އެންމެސިކުނޑިއަކުން ވިސްނައިގެން ހޯދޭނެ ޖަވާބެއްނޫނެވެ. ނަމަވެސް، ފާޅުކަން ބޮޑުގޮތެއްގައި ފެންނާންއޮތް ދެތިން ހަގީގަތެއް ވެއެވެ. ވެރިންގެ އިޚްލާސްތެރިކަން ނެތުމާއި، ކަސިޔާރުކޮށް ހިގާ ކަންކަމުގައި ފާރަވެރިވެ އެކަމަށް އެކަށޭނަ ފިޔަވަޅު ނޭޅޭކަމާއި، އަދި ހަމައެހެންމެ ކޮންމެ އިންތިޚާބެއްގައި އަޅުގަނޑުމެން ވޯޓުދޭގޮތްވެސް މީގައި ބޮޑުދައުރެއް އަދާކުރެއެވެ.

މައްސަލައަކީ ކޮބާ؟

މިކަންކަމަށް ނަޒަރުކުރާއިރު، ވެރިން އިޚްލާސްތެރިކުރުވުމަށް އަޅުގަނޑުމެނަށް ކުރެވޭނޭކަންކަން މަދެވެ. އެހެނީ އިންސާނީ ތޮބީއަތް ބަދަލުކުރުމަކީ ނުވަތަ މީހަކު އެކިކަންކަމުގައި ޢަމަލުކުރާގޮތް ބަދަލުކުރުވުމަކީ ފަސޭހައިން ކުރެވޭކަމަކަށްނުވާތީއެވެ. އަދި އިޙްލާސްތެރިނުވުމުން ފިޔަވަޅު އަޅަންބަލާއިރު އެ ޒިންމާ މަތިކޮށްފައިވާ ފަރާތްތަކަކީ ގިނަފަހަރަށް ކޮންމެވެސް ގޮތަކުން ނުފޫޒެއްގެ ދަށުގައިވާ ފަރާތްތަކެކެވެ. މިހެންކަމުން މިފަދަ ކަންކަން އިސްލާޙުކޮށް ހެޔޮލަފާ ވެރިކަމެއްކޮށް އާންމުރައްޔިތުމީހާއަށް ނަފާވެރިކަން ލިބުމަކީ ހުވަފެނަކަށް ވެފައިވާ ކަމެކެވެ.

ނަމަވެސް، ޖުމްލަކޮށްބަލާއިރު ބަދަލުނުވާ އެއްކަމެއް މިދިޔަ ފަނަރަ އަހަރުތެރޭގައި ޡާބިތުވެފައިވެއެވެ. މިދިޔަ ފަނަރަ އަހަރުތެރޭގައި، 2018ގެ ރިޔާސީ އިންތިޚާބު ފިޔަވައި، ރިޔާސީ އިންތިޚާބެއްގެ ފުރަތަމަ ބުރުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް އިންތިޚާބުގެ ފުރަތަމަބުރުގައި ވޯޓުލާ މީހުންގެ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ ވޯޓު ކަށަވަރުނުވާކަމެވެ. މާނައަކީ، ދިވެހީންގެ ސާފު އަޣުލަބިއްޔަތު ލިބޭ ވެރިޔަކު އަދި ނުފެނެއެވެ. 2008ގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރަށްފަހު ރައީސް ނަޝީދު ވިދާޅުވެފައިވާފަދައިން "ދިވެހީން ބުނަނީ ކަލޭ އެކަނި ތިޔަކަމާ ނުވާށެވެ. އެހެން މީހުންވެސް ގޮވައިގެން ތިޔަކަންކުރާން އުޅޭށެވެ." މިހެންނެވެ. އެހެން ގޮތަކަށް މާނަކުރާނަމަ ދިވެހީން ރުހޭ ވެރިކަމެއްކުރެވެން އޮންނަނީ މިރާއްޖޭގެ ޤާނޫނުއަސީސީ އަދި ޤާނޫނެއްވެސް ނުދަންނަ "ކޯލިޝަން" އެއް ހަދައިގެން ސަރުކާރު ފޮތިފޮށްޗަށް ބަހައިގެންނެވެ. 2018ގެ އިންތިޚާބު ތަފާތުވީ އިންތިޚާބުގެ ކުރިން މިދެންނެވިފަދަ "ކޯލިޝަން" އަކަށް އޭރުގެ އިދިކޮޅު ހުރިހާފަރާތްތަކަށް އެއްބަސްވެވުނީތީއެވެ.

ހައްލަކީ ކޮބާ؟

ކަންމިހެންއޮތްހިނދު، މިއަދު އަޅުގަނޑުމެންގެ ވިސްނުން ފުޅާކޮށް ބުއްދި އިސްކުރާންވީ ކޮންކަމަކަށްކަން ސާފު ނޫންތޯއެވެ. ހެޔޮވެރިކަމެއް ކުރާނެ ދައުލަތަށް ޚިޔާނާތްތެރިނުވާނެ، މީހާ ވުޖޫދުވުމަށް އެދިއެދި ޙަޔާތެއް ހޭދަކުރުމުގެ ބަދަލުގައި، ވޭތުވެދިޔަތަނުން ޢިބްރަތްލިބިގަނެ، ވެރިކަމުގެ ނިޒާމަށް އެކަށީގެންވާ ބަދަލެއްގެނައުމުގެ ހިނދުކޮޅަކީ މިއީކަމަށް އަޅުގަނޑުގެ ކޮށިސިކުނޑިއަށް ފެނެއެވެ. މިގޮތުން ބަލާއިރު މިހާރުވެސް ބަރުލަމާނީ އެތަކެއް ސިފަތަކެއް އެކުލެވިފައިވާ އަޅުގަނޑުމެންގެ ފެހި ޤާނޫންއަސާސީ އިތުރަށް ފުރިހަމަކޮށް ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަކީ ދިވެހީން މިއަދު އެދޭގޮތްތޯ ސާފުކުރުން ކޮންމެހެން މުހިންމެވެ. ނޫނީ، އަދިވެސް އެތޯމިތޯ ހިތާއިހިތާ ސުވާލުކޮށްލަކޮށްލާ މިލޮބުވެތި ވަތަން "ސިންގަޕޫރަށް" ނުވަތަ "ދުބާއީއަށް" ވުމުގެ ކުލަނުވާ ފޮނިހުވަފެން ބަލަބަލައި ކަޅުކޮފީތަށްޓަކަށް އިންސާފުކުރުމުގައި ދެމިތިބޭނީތޯއެވެ؟