އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ރައްޔިތުންނަށް އުންމީދީ ދުވަސްތަކެއް ފެނިގެންދާނޭ ސަރުކާރެއް ކަމަށާއި، އެ ސަރުކާރު ބައްޓަންވެގެން ދާނީ ނިމިދިޔަ ދެ ސަރުކާރުގެ ތަޖްރިބާގެ އަލީގައި ކަމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަދި ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލް މެންބަރު މުޙައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވެއްޖެއެވެ. 

ދަ ޑިމޮކްރެޓްސްގެ ޖަގަހަ "ހަައުސް އޮފް ޑިމޮކްރެޓްސް"ގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި، އެމްޑީޕީގެ ނައިބުރައީސްކަންވެސް ކުރައްވާފައިވާ ޝިއްޕެ ވިދާޅުވީ، "އެމްޑީޕީވެސް ވެރިކަންކޮށްފި އަދި އެމްޑީޕީ މަގުމަތީގައިވެސް އޮވެއްޖެ،" ކަމަށާއި "ޕީޕީއެމްވެސް ވެރިކަންކޮށްފި އަދި ޕީޕީއެމް މަގުމަތީގައިވެސް އޮވެއްޖެ،" ކަމަށެވެ.

އެހެންކަމުން އިންތިޚާބީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު ބައްޓަންކުރައްވާނީ، މާޒީވެދިޔަ ދެ ސަރުކާރުގެ ތަޖްރިބާގެ އަލީގައިކަން އޭނާ ފާހަގަކުރެއްވިއެވެ. 

އެގޮތުން ޝިއްޕެ ވިދާޅުވީ، "ކުރީގައި ވެފައި އޮތް ގޮތެއްގެ މައްޗަށް މާދަމާގެ ވެރިކަމެއް ބައްޓަމެއް ނުކުރައްވާނެ،" ކަމަށެވެ.