ޖަލުގައި ހުންނަވައިގެންވެސް އެމްޑީޕީ ސަރުކާރު ބަދަލުކޮށްލެވުމުން ވަރަށް ބޮޑަށް އުފާފުޅުވާ ކަަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. 

ރައީސް ޔާމީންގެ ސަޕޯޓަރުން ހާއްސަ ފަރިވަޅަކާއެކު ރޭ އެމަނިކުފާނުގެ ގެކޮޅުކަމަށްވާ ހ. ދޫވެހިކައިރިއަށް ދިއުމުން، ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވިދާޅުވީ، އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ރައްޔިތުންގެ ލޯތްބަކީ ޖަލުގޮޅިއަށް ލައިގެން ގެންދެވޭނެ އެއްޗެއް ނޫންކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރާއި، އަދި އަވައްޓެރި އިންޑިއާ ސަރުކާރުން ލަފާކުރީ، އެމަނިކުފާނު ޖަލުގޮޅިއަށް ލައިގެން ފުރަތަމަ ބުރުންވެސް ފަސޭހަކަމާއެކު އިންތިޚާބު ކާމިޔާބުކުރެވޭނޭ ކަަމަށެވެ. ނަމަވެސް، މިހާރު ރައީސް އިބްރާޙީމްގެ ސަރުކާރަށް ހަގީގީމަންޒަރު ފެންނާނޭކަމަށް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުވާ އެންމެ ބޮޑު އުފަލަކީ، އަޅުގަނޑު އަދިވެސް ޖަލުގައި ހުރެދާނަން، އެކަމު މި ސަރުކާރު ބަދަލުވުން،" ވ. އާރަށް މައްސަލައިގައި 11 އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން މިދިޔަ އަހަރުގެ ޑިސެމްބަރު 25ގައި ކުރި ހުކުމާއެކު ޖަލުގައި ޙުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ލީޑަރު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ "އަނިޔާވެރިކަމުގެ ވާހަކަދެއްކި މީހުން އަނިޔާވެރިވީ އަޅުގަނޑަށް އެކަންޏެއް ނޫން، ދިވެހި ރައްޔިތުންނަށް." ކަމަށެވެ. 

މިފަހަރުގެ ރިޔާސީ އިންތިޚާބަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރިޔާސީ ޓިކެޓް އެރުވީ ރައީސް ޔާމީނަށެވެ. ނަމަވެސް، އެމަނިކުފާނުގެ ޖަލުހުކުމާއި، ޖޫރިމަނާއާ ގުޅިގެން އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނީއެވެ. 

ރައީސް ޔާމީންގެ ފަރާތުން ވަނީ، އިންތިޚާބުގެ ކުރިން، ހުކުމް އިސްތިއުނާފު ކުރަން ހައިކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. ނަމަވެސް އެމަނިކުފާނު ފާހަގަކުރެއްވި ގޮތުން، "ސަރުކާރުން އަތްބާނައިގެން އިސްތިއުނާފު ލަސްކޮށް އިންތިހާބީ ހައްގުތައް ގެއްލުވާލީ،" ސުޕްރީމް ކޯޓުންވެސް އެމަނިކުފާނާ ދެކޮޅަށް ހުކުމްކޮށްގެންނެވެ.

ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ގެއްލުމުން، އެމަނިކުފާނުގެ ތާޢީދާއެކު "ރައީސް ޔާމީނުގެ ފޮޓޯފުޅު ކުރިމައްޗަށް ނެރެ" އިދިކޮޅުން ރިޔާސީ އިންތިޚާބަށް ނެރުނީ، މިހާރުގެ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ރަނިންގމޭޓް ހުސައިން މުޙައްމަދު ލަތީފް (ސެމްބެ)އެވެ.

ރައީސް އިބްރާހީމާ ވާދަކޮށް، ޑރ. މުޢިއްޒު އިންތިޚާބު ކާމިޔާބުރެއްވީ 19,291 ވޯޓުގެ ތަފާތުންނެވެ. ޑރ. މުޢިއްޒަށް ލިބިވަޑައިގެންނެވި ޖުމުލަ ވޯޓުގެ ޢަދަދަކީ 129،159އެވެ. އެއީ ވޯޓުލީ މީހުންގެ 54.04 އިންސައްތައެވެ. ރައީސް އިބްރާހީމަށް ލިބިވަޑައިގަތީ، 109،868 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 45.96 އިންސައްތަ އެވެ.