އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި 8 ކެންޑިޑޭޓުންގެ ތެރޭން ގާނޫނުގައި ބުނާ މިންގަނޑަށް، އިލެކްޝަން ކޮމިޝަން (އީސީ) އަށް މާލީ ބަޔާން ހުށަނޭޅުއްވި 5 ރިޔާސީ ކެންޑިޑޭޓަކު ޖޫރިމަނާކޮށްފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުން، އިންތިހާބުގެ މާލީ ބަޔާން ހުށަހަޅަން ނޮވެމްބަރު 30ގެ ނިޔަލަށް އީސީން ދިން ފުރުސަތުގައި، ގާނޫނުގައި ބުނާ މިންގަނޑަށް މާލީ ބަޔާން ހުށަހެޅުއްވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމެވެ. 

އެހެންކަމުން، އީސީން ވަނީ، އެ 3 މެންބަރުން ފިޔަވައި، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އަނެއް 5 ކެންޑިޑޭޓުންނާއި، އެ ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓުން ޖޫރިމަނާކޮށް، ޖޫރިމަނާގެ ފައިސާ 11 ޑިސެމްބަރު 2023ން ފެށިގެން 30 ދުވަހުގެ ތެރޭގައި އީސީއަށް ދައްކަން އަންގައިފައެވެ. 

މާލީ ބަޔާން ފުރިހަމަ ނުވާތީ ޖޫރިމަނާ ކުރި ކެންޑިޑޭޓުން:

  • އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް
  • ދަ ޑިމޮކްރެޓްސްގެ، ރިޔާސީ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް
  • އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
  • އަމިއްލަގޮތުން ވާދަކުރެއްވި، މއ. މާވެޔޮވިލާ ހަސަން ޒަމީލް
  • އަމިއްލަގޮތުން ވާދަ ކުރައްވި ފާރިސް މައުމޫން

އީސީން ނެރުނު ބަޔާނެއްގައި ބުނީ މާލީ ބަޔާން ފުރިހަމައަށް ހުށަނޭޅި ފަސް ކެންޑިޑޭޓުންގެ ތެރެން ކޮންމެ ކެންޑިޑޭޓަކު 20،000ރ.އިން ޖޫރިމަނާކޮށް، އެ ފަސް ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓުންގެ ތެރޭން ކޮންމެ އޭޖެންޓެއް 6000ރ.އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.