ރަނގަޅަށް ތަހުގީގުކޮށް ބަލައިފިއްޔާ ކޮރަޕްޝަނުން ސަލާމަތްވާނޭ އެކަކުވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި ނުހުންނާނޭ ކަމަށް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައެއްގައި 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަނުން ގެންދަވާ އިދިކޮޅު ސިޔާސީ ލީޑަރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. 

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި، ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ ހުކުމުގެ ސަބަބުން، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލުނެއެވެ. 

ރައީސް ޔާމީނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި، ހ. ދޫވެހީގައި ހުންނަވައިގެން އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އައީ ކުރީ ސަރުކާރުގެ އަނިޔާވެރިކަމޭ، ކުރީސަރުކާރުގެ ކޮރަޕްޝަނޭ ކިޔައިގެން ކަމަށާއި ނަމަވެސް، އާޚިރުގައި އަނިޔާވެރިވެ ކޮރަޕްޝަން ހިންގީ މިސަރުކާރުން ކަމަށެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް އާ ސަރުކާރަށް ބަލަން ކެރިއްޖެ ނަމަ، މި ސަރުކާރުން ކޮށްފައިވާ ވައްކަމާއި، ކޮރަޕްޝަން ވަރަށް ރަނގަޅަށް ސާބިތުވާނެކަމަށް ޔާމީން ވިދާޅުވިއެވެ. 

ރައީސް އިބްރާހީމްގެ ސަރުކާރަށް އިޝާރަތްކުރައްވައި ރައީސް ޔާމީން ވިދާޅުވީ، "ތިތަނުގަ ހަމަ ސަލާމަތްވާނެ އެއްވެސް މީހެއް ނެތް. އަޅުގަނޑުމެންގެ ސަރުކާރަށް ކެރެންވީ މި މައްސަލަތައް ބަލަން. މައްސަލަތައް ބަލައިފިއްޔާ ފެންނާނެ،" ކަމަށެވެ.