ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭގޮތުން، ދަ ޑިމޮކްރެޓްސްގެ ފަރާތުން އެޕާޓީގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ޤަރާރު، ސަރުކާރު ހިންގާ އެމްޑީޕީގެވެސް ރުހުމާއެކު މަޖީލީހަށް ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމެޓީގައި ބަހުސްކުރާގޮތަށް ފާސްކޮށްފިއެވެ. 

ނިޒާމީ ވޯޓާ ގުޅޭ ގަރާރު ޑިމޮކްރެޓުން ހުށަހެޅިފަހުންވެސް އެމްޑީޕީގެ މެންބަރުން ގެންދެވީ މަޖިލީހުގެ ތަޅުން ދޫކޮށް، ގޯތިތެރޭގައި ތިއްބަވައިގެން އެ ގަރާރާ ދެކޮޅުހައްދަވަމުންނެވެ. އަދި މަޖިލީހުގެ ތަޅުމުގައި ގަރާރު ބަލައިގަތުމާ ގުޅޭގޮތުން ބޮޑަށް ވާހަކަ ދައްކާފައިވަނީވެސް ޑިމޮކްރެޓްއަށް ނިސްބަތްވާ މެންބަރުންނެވެ. އެހެންކަމުން މަޖިލީހުގެ ރިޔާސަތުން ނިންމަވާފައި ވަނީ ގަރާރު މަސައްކަތް ނިމެންދެން މަޖިލިސް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް، މިއަދު މެންދުރު ފަހު 2:15ގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ގަރާރަށް ވޯޓަށް އެއްސެވުމަށް ނިންމަވައި، ޖަލްސާ ފެއްޓެވިއިރު، އެމްޑީޕީގެ މެންބަރުންވެސް ހަތިޔާރު ބަހައްޓައި، އެނބުރި ވަނީ ޖަލްސާގައި ބައިވެރިވެފައެވެ. 

އަންނަ އޮކްޓޯބަރު 30 ގެ ކުރިން ނިޒާމީ ވޯޓު ނެގުމަށް، އިލްޔާސް ހުށަހެޅުއްވި ގަރާރު ބަލައިގަތުމަށް މިއަދު މަޖިލީހުގެ ތަޅުމުން ނިންމެވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 35 މެންބަރުންގެ އިއްތިފާގުންނެވެ. އެހެންކަމުން މަޖިލީހުގެ ރިޔާސަތުން ނިންމަވާފައި ވަނީ، ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު މާދަމާ މުޅި މަޖިލީހުގެ ކޮމިޓީ ކުރިއަށް ގެންދިއުމަށެވެ. 

ރާއްޖޭގެ ވެރިކަންކުރާ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ފުރޮޅައިލުމަށް ދަ ޑިމޮކްރެޓްގެ ފަރާތުން ދަނީ ވަރަށް ބޮޑަށް ވަކާލާތުކުރަމުންނެވެ. އަދި މިމަހުގެ 28 ވަނަ ދުވަހުގެ ކުރީން ނިޒާމީ ވޯޓު ނަގާން އެއްބަސްވެ އެކަމުގެ ރަސްމީ ލިޔުމެއްގައި ސޮއިކުރާން އެއްބަސް ވާނަމަ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ސަރުކާރު ހިންގާ އެމްޑީޕީއާ ގުޅިގެން މަސައްކަތްރުމަށްވެސް ޑިމޮކްރެޓުން ވަނީ ގަރާރެއް ފާސްކޮށްފައެވެ.